17 Jul 2018, 12:38
ޒުވާން ކުޅުންތެރިންތަކަކާއެކު އިންޑިއާއިން ސާފް ޗެމްޕިއަންޝިޕްގެ ޕްރިލިމިނަރީ ސްކޮޑު އިއުލާން ކޮށްފިއެވެ.
އަންނަ ސެޕްޓެންބަރު މަހުގެ ހަތަރަކުން 15އަށް ބަންގާޅުގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް އިންޑިއާއިން އިއްޔެ އެކުލަވާލި ވަގުތީ ސްކޮޑުގައި އެޓީމުގެ މުހިއްމު ސީނިއާ ކުޅުންތެރިންތަކެއް ނުހިމެނެއެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ ކެޕްޓަން ސުނިލް ޗެތުރީއެވެ.
މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 101 މެޗުން 64 ގޯލް ޖަހައިދީފައިވާ ޗެތުރީގެ އިތުރުން ފޯވަޑް ޖޭޖޭ ލާލެޕްލޫވެސް އިންޑިއާއިން ސާފް ޗެމްޕިއަންޝިޕަށް އިއުލާން ކުރި ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ.
މިފަހަރު ސާފް ޗެމްޕިއަންޝިޕަށް އިންޑިއާއިން އެކުލަވާލި ޕްރިލިމިނަރީ ސްކޮޑުގައި 17 އަހަރުން ދަށުގެ ހަތަރު ކުޅުންތެރިއަކު ހިމަނާފައިވާ އިރު، އެއް ނަންބަރު ކީޕަރު ގަރްޕްރީތު ސިންހް ސަންދޫއާއި އާއްމުކޮށް ގައުމީ ޓީމަށް މޮޅު ކުޅުމެއް ދައްކަމުންދާ ޑިފެންޑަރު ސަންދޭޝް ޖިންގަންވެސް ޓީމުގައި ހިމަނާފައެއް ނުވެއެވެ.
ސާފް ޗެމްޕިއަންޝިިޕްގެ ތައްޔާރީތަކަށް އިންޑިއާއިން މިމަހު 28 ވަނަ ދުވަހުން އޯގަސްޓްގެ 16 ވަނަ ދުވަހާ ހަމައަށް ނިއު ދިއްލީގައި ހާއްސަ ފަރިތަކުރުންތަކެއް ކުރިއަށް ގެންދާނެއެވެ. އަދި މުބާރާތުގެ ކުރިން އޯގަސްޓް 17 ވަނަ ދުވަހު އިންޑިއާއިން އޮސްޓްރޭލިއާގެ ކޭމްޕަކަށްވެސް ފުރާނެއެވެ.
އެންމެފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕް 2015ގެ ޗެމްޕިއަން ޓީމަކީ އިންޑިއާއެވެ. އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދީ ފައިނަލްގައި އަފްގާނިސްތާން ބަލިކޮށްގެންނެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. ހަތް ޓީމު ދެ ގްރޫޕަކަށް ބަހައިލައިގެން މުބާރާތް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެ ހިމެނެނީ މުބާރާތުގެ ގްރޫޕް ބީ ގައެވެ.
ރާއްޖެއާއެކު ދެން ގްރޫޕްގައި ހިމެނެނީ ލަންކާ އަދި އިންޑިއާއެވެ. އޭގެ ތެރެއިން އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމެވެ. އެޓީމު ވަނީ ހަތް ފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލާލައިފައެވެ.
ގްރޫޕް އޭ ގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ.