އޮންލައިން ޓްރެވަލް މާޓް (އޯޓީއެމް)ގެ އިންޑިއާ ކަނޑާއި އެފްރިކާގެ ގައުމުތަކުގެ ކެޓަގަރީގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

އޮންލައިންކޮށް ކުރިއަށްގެންދާ މި ފެއާ އަކީ"ޕްރޮފި.ޓްރެވަލް"ޕޯޓަލްގެ ޒަރީއާއިން ކުރިއަށްގެންދާ ފެއާއެކެވެ. މި ފެއާ ކުރިއަށްދާނީ މި މަހުގެ 16 ވަނަ ދުވަހުން 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިފަދަ އޮންލައިން ފެއާތައް ބާއްވަން ފްރޮފި.ޓްރެވަލް އިން ފެށީ އާންމުކޮށް ބާއްވާ ހަރަދުބޮޑު ޓްރެވަލް ފެއާތަކުގެ ބަދަލުގައި، ޒަމާނީ ޓެކްނޮލޮޖީއާއެކު ހަރަދު ކުޑަކޮށް ފެއާތައް ބޭއްވުމަަށް، 2014 ވަަނަ އަހަރުއެވެ. މިއީ އޯޓީއެމް ފެއާ ބާއްވާ ހަތަރުވަނަ ފަހަރެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމް.އެމް.ޕ.ީއާރް.ސީ) އިން މައުލޫމާތު ދިން ގޮތުގައި މި ފެއާގެ ރާއްޖެއާއި ގުޅޭ ސެޝަނުގައި ރަޝިއާގެ 390 އަށް ވުރެ ޓްރެވަލް އެންޑް ޓްރޭޑް ދާއިރާގެ ޕްރޮފެޝަނަލުން ބައިވެރިވެފައިވެ އެވެ.

އެމްއެމްޕީއާރްސީއިން ބުނިގޮތުގައި ރާއްޖޭގެ ސެޝަން ފަށާފައި ވަނީ ރާއްޖެއާއި ބެހޭ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނަކާ އެކު އެވެ. އެ ޕްރެޒެންޓޭޝަނަށް ފަހު ސުވާލު ކުރުމަށް ވެސް ހުޅުވާލި އެވެ.

ރަޝިއާއަކީ ރާއްޖެއަށް ފަތުރުވެރިން ވަރަށް ގިނައިން އަންނަ ގައުމެކެވެ. 2017 ވަނަ އަހަރު އެގައުމުން ރާއްޖެއަށް 61،931 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ. މިއީ 2016 ވަނަ އަހަރު އެގައުމުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު 33.1 އިންސައްތަ ބޮޑު އަދަދެކެވެ. މި އަހަރުގެ ޖެނުއަރީ މަހުން މެއި މަހާ ހަމައަށް 34،751 ފަތުރުވެރިން ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ.

އޯޓީއެމްގެ އިންޑިއާ ކަނޑާއި އެފްރިކާގެ ގައުމުތަކުގެ ކެޓަގަރީގައި ރާއްޖެ ފިޔަވައި ދެން ބަައިވެރިވެފައި ވަނީ ސްރީލަންކާ، ޓަންޒޭނިއާ، މޮރިޝަސް، ސައުތް އެފްރިކާ އަދި ސީޝެލްސް އެވެ.