19 Jul 2018, 11:45
އަމިއްލަ ފަރާތަކުން ހދ. ހަނިމާދޫގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.
މި މަޝްރޫއަކީ ޕްރައިވެޓް ވިލާ އިމާރާތްކުރުމުގެ މޮޑެލްގެ ދަށުން ހައުސިންގ މިނިސްޓްރީން ކުރިއަށްގެންދާ ހައުސިންގ ޔުނިޓު އިމާރަތްކުރުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ.
ހަނިމާދޫގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާ ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރުގެ މެއި 13 ގައެވެ. އެ މަސައްކަތް ނިންމާފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން ރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކުރުމާއި، އޭގެ މައްޗަށް ބިނާކޮށް ޑިޒައިން ކުރުމާއި އީއައިއޭ މަސައްކަތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.
ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި ތިން ޕަމްޕް ސްޓޭޝަން ބަހައްޓައި 16.5 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ގާއިމުކޮށްފައެވެ. އަދި އެ ރަށުގެ 900 ގެއަށް ވަނީ މި ހިދުމަތް ދެވިފައެވެ.
ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 300 މީޓަރުގެ އައުޓްފޯލް ހޮޅި އަޅާފައިވާއިރު، މި ނިޒާމުގެ ހިދުމަތް މިދިޔަ ޖޫން މަހުން ފެށިގެން ރަށުގެ ގޭގެއަށް ދަނީ ފޯރުކޮށްދެމުންނެވެ. ހަނިމާދޫ ނަރުދަމާގެ ވިއުގަަ ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން އާއެވެ.