ޗައިނާ އިން އެތެރެކުރާ 200 ބިލިއަން ޑޮލަރުގެ މުދަލުން ޓެކްސް ނަގާނެ ކަމަށް ބުނެ އެމެރިކާ އިން ވަނީ ޓެކްސް ނަގާނެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލައިފައެވެ.

ޗައިނާއާ ދެކޮޅަށް "ވިޔަފާރީގެ ހަނގުރާމައެއް" އިއުލާނު ކުރައްވައިގެން އުޅުއްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން ވިދާޅުވެފައިވަނީ މި ލިސްޓުގައި ހިމެނޭ މުދަލުގެ އިތުރަށް ޖުމްލަ 500 ބިލިއަން ޑޮލަރުގެ މުދަލުން ޓެކްސް ނަގަންވެސް އެމެރިކާ ތައްޔާރު ކަމަށެވެ.

އާންމުކޮށް ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ އުފެއްދުންތަކުން ފެށިގެން ގޮސް ކޮސްމެޓިކްސް އާއި ހޭންޑްބޭގްސް އަދި އިލެކްޓްރޯނިކްގެ ބާވަތްތައްވެސް ހިމެނޭގޮތަށް 6000 އައިޓަމް ހިމެނޭ ލިސްޓެއް އެމެރިކާ އިން ވަނީ ތައްޔާރުކޮށްފައެވެ. މި ލިސްޓަކީ ޗައިނާއިން އެ ގައުމަށް އެތެރެކުރާ މުދަލުގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ. މި ލިސްޓުގައި ހިމެނޭ ބާވަތްތަކުން 10 ޕަސެންޓުގެ ޓެރިފެއް ނަގަން ޓްރަމްޕް ވަނީ ނިންމަވައިފައެވެ.

ނަމަވެސް މި ނިންމުމަށް އަމަލު ކުރާނީ އެމެރިކާގެ އާންމުންގެ ފަރާތުން ހިޔާލު ހޯދުމަށް ފަހުއެވެ. އޮގަސްޓުގެ ނިޔަލަށް ޚިޔާލު ހޯދުމުގެ ކަންތައް ކުރިއަށް ދާނެއެވެ.

އެމެރިކާގެ ޑޮލަރުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެންވެސް ޓްރަމްޕްގެ ރުޅި ބާލާފައިވަނީ ޗައިނާ އަށާއި ވިލާތުގެ ގައުމުތަކަށެވެ. ޑޮލަރުގެ އަގު އެއްވަރެއްގައި ނުހިފެހެއްޓި ޑޮލަރުގެ އަގު ދަށަށް ދަނީ ޗައިނާ އާއި ވިލާތުން ގެންގުޅޭ ވިޔަފާރީގެ ސިޔާސަތުގެ ސަބަބުން ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެމެރިކާގައި އިންޓްރެސްޓް ރޭޓު މަތި ކުރުމުން ޓްރަމްޕް ވަނީ އެގައުމުގެ ފެޑެރަލް ރިޒާވަށްވެސް ފާޑު ވިދާޅުވެފައެވެ.