ރާޖްކުމާރު ހިރާނީގެ ފިލްމު "ސަންޖޫ"އަށް އިންޑިއާގައި ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސަބަބުން ހިންދީ ފިލްމުތަކަށް ޑިމާންޑު ބޮޑު ޗައިނާގައި ފިލްމު ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ބޮލީވުޑް އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ އެ ފިލްމު އިންޑިއާގައި ރިލީޒް ކުރީ ޖޫން 29 ގައެވެ. 4100 ސްކްރީނުގައި ފިލްމު ދައްކަމުން އަންނަ އިރު އެ ފިލްމަށް މިހާތަނަށް 300 ކުރޯރަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ.

"ސަންޖޫ" ޕްރޮޑިއުސް ކުރި ފޮކްސް ސްޓާ ސްޓޫޑިއޯ އިން ބުނީ ޗައިނާގައި ފިލްމު ރިލީޒް ކުރަން އެ ގައުމުގެ ގިނަ އަދަދެއްގެ ޑިސްޓްރިބިއުޓަރުންގެ ފަރާތުން ހުށަހަޅުން ލިބެމުން އަންނަ ކަމަށެވެ. އަދި ޗައިނާގެ އިތުރުން، ދެކުނު ކޮރެއާ އަދި ޖަޕާނުގައި ފިލްމު ރިލީޒް ކުރެވޭތޯ ބަލަމުން އަންނަ ކަމަށް ވެސް ފޮކްސް އިން ބުންޏެވެ.

ޗައިނާގައި ފިލްމު ރިލީޒް ކުރާނެ ދުވަހެއް، އަދި ފިލްމު ރިލީޒް ކުރާނީ ކިތައް ސްކްރީނުގައި ކަމެއް އަދި ނިންމައިފައެއް ނުވެއެވެ.

ރަންބީރު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ "ސަންޖޫ" ގެ ކާސްޓުގެ ތެރޭގައި ޕަރޭޝް ރާވަލް، ވިކީ ކޯޝަލް، މަނީޝާ ކޮއިރަލާ، ސޯނަމް ކަޕޫރު ފަދަ ތަރިން ހިމެނެއެވެ.