ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ބިޔަ މަޝްރޫއުގެ ދަށުން އަލަށް ގާއިމު ކުރާ ރަންވޭގެ މަސައްކަތް އަންނަ މަހު ނިންމާލެވޭނެ ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާ ހަވާލާދީ ޕީއެސްއެމް ނިއުސްގައި ބުނީ އާ ރަންވޭގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އެންމެ ފަހު ތާރު ފަށަލަ އެޅުމުގެ މަސައްކަތް ކަމަށެވެ. ކޮންޓްރެކްޓަރާ ހަވާލާދީ އާދިލް ވިދާޅުވެފައިވަނީ ރަންވޭގެ މަސައްކަތް އޮގަސްޓު މަހު ނިންމާލެވޭނެ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހު އާ ރަންވޭގައި ޓެސްޓް ފްލައިޓު ޖެއްސުމަށް ތައްޔާރު ވަމުން އަންނަ ކަމަށްވެސް އާދިލް ވަނީ ވިދާޅުވެފައެވެ.

އާ ރަންވޭއަކީ 3.4 ކިލޯ މީޓަރު ދިގު، އަދި 60 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި A380 ވައިޑް ބޮޑީ އެއާކްރާފްޓުތަކަށް އެއްވެސް ދަތިކަމެއް ނެތި ޖެއްސޭނެހެން ތަރައްގީކުރާ ރަންވޭއެކެވެ. ރަންވޭ އެޅުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)ންނެވެ.

އާ ރަންވޭ ހުޅުވުމާ އެކު، ކުރިން ބޭނުންކުރަމުން އައި 3.2 ކިލޯ މީޓަރު ދިގު، އަދި 45 މީޓަރު ފުޅާ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭއެއްގެ ގޮތުގައެވެ.

އެއާޕޯޓު ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ދަނީ ކުރިއަށެވެ. އެގޮތުން އާ ސީޕްލޭން ޓާމިނަލް އެޅުމުގެ މަސައްކަތާއި އާ ކާގޯ ޓާމިނަލްގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.