ދިވެހިންގެ މެދުގައިވެސް މަޝްހޫރުވެގެން ދިޔަ ހިންދީ ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ"ގެ އާ ސީޒަނުގައި ޕްރޭނާގެ ރޯލުން ފެންނާނީ އެރިކާ ފެނާންޑޭޒް ކަމަށް އެކްތާ ކަޕޫރު ބުނެފިއެވެ.

އެކްތާ ކަޕޫރުވަނީ އޭނާގެ ޓްވިޓާ އެކައުންޓްގައި އެކަން ކަށަވަރުކޮށްދީފައެވެ. ފިލްމުގެ ފުރަތަމަ ޕްރޮމޯ މިހާރު އާންމުކޮށްފައިވާއިރު އިސްތިހާރުން ވެސް އެރިކާ ފެނެއެވެ. ނަމަވެސް އެރިކާ އާ އެކީ ފެނިގެންދާ ބަތަލަކީ ކާކުކަމެއް ޔަގީނެއް ނޫނެވެ. ޕްރޮމޯގައި ބަތަލުގެ މޫނު ނުފެނު ނަމަވެސް ބައެއް ޚަބަރުތައް ބުނާގޮތުގައި އަނޫރާގްގެ ރޯލުން ކުޅޭނީ "ކެއިސީ ހޭ ޔާރިއާން" ގައި މުހިއްމު ރޯލެއް އަދާކުރި ޕާރްތް ސަމްތާން އެވެ.

ކަސޯޓީގެ އެންމެ ފުރަތަމަ ސީޒަނުގެ އިސްތިހާރުގައި ފެނިގެންދިޔަ ރަތް ދޯޕަށްޓާ ވެސް ވަނީ މި ފަހަރުގެ ޕްރޮމޯގައި ވެސް ދައްކާލާފައެވެ.

ފިލްމުގެ މުހިއްމު ދެ ރޯލެއްގެ ތަރިން މިހާރު އިއުލާންކުރި ނަމަވެސް ކޮމަލިކާގެ ރޯލުން ފެނިގެންދާނެ ބަތަލާ އަދި ބަޖާޖްގެ ރޯލުން ފެނިގެންދާ ބަތަލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ޚަބަރުތައް ބުނާ ގޮތުގައި ކޮމަލިކާގެ ރޯލުން ފެނިގެންދާނީ ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ޑްރާމާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގައި ހަރަކާތްތެރިވި ހީނާ ޚާން އެވެ.

"ކަސޯޓީ ޒިންދަގީ ކޭ"ގެ ލީޑް ރޯލު ކުޅުނީ ޝްވޭތާ ތިވާރީ އާއި ސިޒާން ހާނެވެ. އެ ޑްރާމާ ސިލްސިލާ އަކީ 2001ގައި ދައްކަން ފެށި ޝޯ އެކެވެ.