23 Jul 2018, 00:29
މީގެކުރީގެ އިންތިޚާބުތަކެކޭ ވެސް އެއްގޮތަށް މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ވޯޓުލުމަށް ހަމަޖެހިފައި ވަނީ އެ މުވައްޒަފަކު މަސައްކަތްކުރާ ތަނުގައި ބަހައްޓާ ވޯޓު ފޮއްޓަށް ކަމަށް އެ ސާވިސް އިން ބުނެފިއެވެ.
ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިޝަރު އަހްމަދު ލުގުމާން 'ސަން' އަށް ވިދާޅުވީ މީގެ ކުރީގެ އަހަރުތަކުގައި ވެސް އެ ސާވިސްގެ މުވައްޒަފުން ވޯޓުލުމަށް ރަޖިސްޓްރީ ވާން އަންގާފައިވާނީ އެ މުވައްޒަފަކު މަސައްކަތްކުރާ ތަނެއްގައި ހުންނަ ވޯޓު ފޮއްޓަށް ކަމަށެވެ.
ލުގްމާން ވިދާޅުވީ ޖަލުތަކުގެ ވޯޓު ފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓްރީ ވުމަށް އަންގައި މުވައްޒަފުންނަށް މަޖުބޫރު ކުރާ ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަ އެއް ނޫން ކަމަށެވެ. އަދި ވޯޓު ލުމާއި ނުލުމަކީ ކޮންމެ މީހެއްގެ އަމިއްލަ އިޚްތިޔާރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެއްވެސް މުވައްޒަފަކަށް މަޖުބޫރުކޮށްފައެއް ނުވާނެ ވޯޓުލުމަށް ރެޖިސްޓާ ވުމަކަށް. ވޯޓުލާން ބޭނުން ނުވާ މުވައްޒަފުން ހަމަ ރަޖިސްޓްރީ ނުކޮށް ވެސް ހުރެވޭނެ،" ލުގުމާން ވިދާޅުވިއެވެ.
ކަރެކްޝަންސްގެ މުވައްޒަފުން މަސައްކަތް ކުރާ ތަނަކަށް ވޯޓުލުމަށް ރަޖިސްޓްރީ ވުމަށް އެދިފައިވަނީ ޖަލު ބަންދުގައި ތިބޭ އެންމެނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ކަމަށް ލުގްމާން ވިދާޅުވިއެވެ. އެގޮތުން ބަންދުގައި ތިބޭ މީހުން ގޮޅިން ނެރެ ވޯޓުލުމަށް ގިނަ ވަގުތުތަކެއް ހޭދަވާއިރު އެކަމަށް ގިނަ މުވައްޒަފުން ބޭނުންވާނެ ކަން ލުގުމާން ފާހަގަކުރެއްވިއެވެ.