ރާއްޖޭގެ ބައެއް ރަށްތަކަށް އުދައަރާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓާ (މެޓް) އޮފީހުން އިލްތިމާސްކޮށްފި އެވެ.

މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެނދުނު 10:00ގެ ނިޔަލަށް މޫސުން ލަފާކުރާގޮތާ ބެހޭ ގޮތުން މެޓް އޮފީހުން ރޭ ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނީ ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށްގަޑިއަކު ހަތް މޭލާއި 15 މޭލު ދެމެދުގެ ބާރުމިނުގައި ކަމަށާއި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13މޭލާއި 23 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދިވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި އެހެންހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީދިޔަވަރުބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

މެޓް އޮފީހުން ވަނީ އާއްމުކޮށް ހުރިހާ ފަރާތްތަކުން، ޙާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ދިޔަވަރު އެންމެ ބޮޑުވާނެ ގަޑިތައް.

އުތުރުގެ ސަރަހައްދުތަކަށް މިއަދު 09:56ގައި

މެދުތެރޭގެ ސަރަހައްދުތަކަށް މިއަދު 10:37ގައި

ދެކުނުގެ ސަރަހައްދުތަކަށް މިއަދު 11:18ގައި