ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުފަން ރަށް މާމެންދޫއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ޑރ. ޝަހީމް މާމެންދޫއަށް ވަޑައިތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރައީސް ޔާމީނަށާއި ޑރ. ޝަހީމަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ކިޔަން އެރަށުގެ ބަނދަރު ސަރަހައްދަށް އެއްވިއެވެ.

މާމެންދޫގެ ރައްޔިތުން ޑރ.ޝަހީމްއާ ސަލާމް ކުރުމަށް ކިއު ހަދާފައި: ގިނަ އަދަދެއްގެ ރައްޔިތުން ޝަހީމަށް މަރުހަބާ ކިޔަން އެއްވި-- ފޮޓޯ: ފޭސްބުކް

ޑރ. ޝަހީމްއާ އެކު ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ އޮފިޝަލަކު "ސަން"އަށް ބުނީ މާމެންދޫއަށް ކުރައްވާ ދަތުރުފުޅުގައި ޑރ ޝަހީމު އެ ރަށުގައި ދޮރުން ދޮރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ޝަހީމް މިއަދު އެރަށުގައި އިމާމުވެ ހުކުރު ނަމާދު ކުރެއްވި އިރު، މިރޭ އެރަށުގައި ކޭތަ ނަމާދުވެސް އިމާމުވެ ކުރައްވާނެކަމަށް ބުންޏެވެ.

މިއަދު ޑރ. ޝަހީމް މާމެންދޫއަށް ވަޑައިގެންފައިވާ އިރު އިއްޔެ އެމަނިކުފާނު ވަނީ ގއ. ދާންދޫއަށާއި ނިލަންދޫއަށް ޒިޔާރަތް ކުރައްވައިފައެވެ. އެމަނިކުފާނު ދާންދޫއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ޕީޕީއެމްގެ ޖަގަހަވެސް ހުޅުއްވައިދެއްވިއެވެ.

ޑރ. ޝަހީމް މާމެންދޫގެ ޒުވާނަކާ ސަލާމް ކުރައްވަނީ-- ފޮޓޯ: ފޭސްބުކް

ކެމްޕޭން ދަތުރުފުޅުގައި ޑރ. ޝަހީމް ގއ. އަތޮޅަށް ފުރާވަޑައިގަތީ މި މަހުގެ 19 ވީ ބުރާސްފަތި ދުވަހުއެވެ. އެންމެ ފުރަތަމަ ވަޑައިގަތީ އެ އަތޮޅުގެ ވެރިރަށް ވިލިނގިއްޔަށެވެ.

ޑރ. ޝަހީމް މާމެންދޫ ރައްޔިތުންނާ ސަލާމް ކުރައްވަނީ -- ފޮޓޯ: ފޭސްބުކް

މާމެންދޫ އކީ ޑރ. ޝަހީމް ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ޒިޔާރަތްކުރައްވާނެ އެންމެ ފަހު ރަށެވެ. ޝަހީމްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މާދަމާއެވެ.