27 Jul 2018, 19:56
ހުޅަނގު އައްސޭރީގައި ހުންނަ އިސްރާއީލުގެ ރައްޔިތުން އާބާދުވެފައިވާ ސަރަހައްދަކަށް ވަދެ ފަލަސްތީނުގެ ޒުވާނަކު އިސްރާއީލުގެ ރައްޔިތަކު މަރާލައި ދެ މީހަކު ޒަހަމްކޮށްލައިފި އެވެ.
އިއްޔެ މި ހަމަލާ ދީފައި ވަނީ މުހައްމަދު ތޯރިގް ޔޫސުފް ނަމަކަށް ކިޔުނު އުމުރުން 17 އަހަރުގެ ޒުވާނެކެވެ. އޭނާ ތިން މީހުންނަށް ވަޅިން ހަމަލާ ދިން އިރު އޭގެ ތެރެއިން ތިން ވަނަ މީހާ ވަނީ އޭނާގެ ގަޔަށް ބަޑިން ހަމަލާދީ މަރާލާފަ އެވެ.
ފަލަސްތީނުގެ ޒުވާނާ ދިން ހަމަލާގައި މަރާލީ އުމުރުން 31 އަހަރުގެ ޔޯޓަމް އޮވާޑިއާ އެވެ. އޭނާ މަރުވެފައި ވަނީ ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް ގުދުސްގައި ހުންނަ ހޮސްޕިޓަލެއްގަ އެވެ.
އިސްރާއީލުގެ ސިފައިން ތޯރިގު ޔޫސުފް ސިފަ ކޮށްފައި ވަނީ ޓެރަރިސްޓެއްގެ ގޮތުގަ އެވެ. އަދި އޭނާގެ ހަމަލާ އަކީ މީގެ ކުރިން ހުޅަނގު އައްސޭރީގައި އިސްރާއީލު ރައްޔިތުން އާބާދުވެ އުޅުނު ސަރަހައްދެއްގައި އުމަރު އަލް އާބިދު ނަމަކަށް ކިޔުނު މީހަކު ދިން ހަމަލާއަކުން ހިތްވަރު ލިބިގެން ދިން ހަމަލާއެއް ކަމަށް ސިފައިން ވަނީ ބުނެފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ތޯރިގު ޔޫސުފް އިސްރާއީލުގެ ރައްޔިތުންނަށް އެ ހަމަލާ ދިނީ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން އޮޕަރޭޝަންތައް ހިންގަމުންދާތީ އެވެ. އޭނާގެ ހަމަލާއަށް ތައުރީފުކޮށް ހަމާސް ޖަމާއަތުން ވަނީ ބަޔާނެއްވެސް ނެރެފަ އެވެ.
ފަލަސްތީނުގެ ޒުވާނާ އިސްރާއީލުގެ ރައްޔިތަކު މަރާލާފައިވާ އިރު އިސްރާއީލުން ވަނީ މިއަދު ހުޅަނގު އައްސޭރީގައި އިތުރު 400 ގެ އަޅާނެ ކަން އިއުލާނު ކޮށްފަ އެވެ. އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އަވިގްޑޯ ލެއިބާމަން މިއަަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅަނގު އައްސޭރީގައި އިތުރު ގެތައް އެޅުމަށް އިސްރާއީލު ސަރުކާރުން ނިންމި ނިންމުމަކީ އިސްރާއީލުގެ ރައްޔިތަކު މަރާލުމުން އެކަމަށް ދެވޭނެ އެންމެ "ރަނގަޅު ޖަވާބު" ކަމަށެވެ.