29 Jul 2018, 14:35
ހުރިހާ ރީ ރަޖިސްޓްރޭޝަން ފޯމެއްގެ ސައްހަކަން ކަށަވަރުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންް ބުނެފިއެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިއަދު "ސަން" އަށް ވިދާޅުވީ ރީ ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާއިރު، އެކި ފަރާތްތަކުން މަކަރު ހަދަމުންދާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ކޮމިޝަނަށް ލިބޭ ހުރިހާ ފޯމެއްގެ ސައްހަކަން ކަށަވަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެހާސް ތޭރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ވަނީ ރީ ރަޖިސްޓްރޭޝަން ފޯމްތައް ފުލުހުންނަށް ފޮނުވައިގެން އެއީ ސައްހަ ފޯމްތަކެއްތޯ ކަށަވަރުކޮށްފައެވެ.
ރީ ރަޖިސްޓްރޭޝަން ކުރުމުގައި ސަރުކާރުގެ އެކި އިދާރާތަކުން އޮޅުވާލަމުން އަންނަ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކުރެއެވެ. ނަމަވެސް ސަރުކާރު ހިންގާ ޕީޕީއެމް އިން ވަނީ އެކަން ދޮގުކޮށްފައެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރީ ރަޖިސްޓްރޭޝަންގެ ފޯމްތައް ފުރިހަމަކުރުމަށްފަހު ޕީޕީއެމް އަށް ވޯޓުދޭނެ ހެން ހީވާ މީހެއްގެ ފޯމު އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅާ ކަމަށެވެ. ނަމަވެސް ކޮންމެ ފިކުރެއްގެ މީހެއް ކަމުގައި ވިޔަސް އެ މީހެއްގެ ރީ ރަޖިސްޓްރޭޝަންގެ ފޯމް ޕީޕީއެމް އިން ކޮމިޝަނަށް ހުށަހަޅާ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
އަދުރޭގެ ތުހުމަތުތައް އެމްޑީޕީން ވަނީ ދޮގުކޮށްފައެވެ.