29 Jul 2018, 23:33
ސާފް ޗެމްޕިއަންޝިޕަށް ގައުމީ ު އެކުލަވާލީ މުސްތަގުބަލަށް ވިސްނުމަށްފަހުގައި ކަމަށާއި، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މިފަހަރުގެ ސްކޮޑަށް ނުނެގީވެސް އެހެންވެ ކަމަށް ކޯޗު ޕީޓާ ސެގަޓް ބުނެފިއެވެ.
ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ސްކޮޑާއި، ޓީމުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިރޭ އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެގަޓް ބުނެފައި ވަނީ ޓީމު ނެގީ ލީގުގެ މެޗުތަކުގެ އިތުރުން ގައުމީ ޓީމުން އެންމެފަހުން ކުޅުނު މެޗަށްވެސް ބެލުމަށްފަހުގައި ކަމަށެވެ.
"އަހަރެން ވަރަށް ކައިރިން ކުޅުންތެރިންނަށް ބަލައި، ކުޅުންތެރިންނާ މަޝްވަރާވެސް ކޮށްފަ ޓީމު ނެގީ. ޓީމާ މެދު ފުރިހަމަ ޔަގީންކަން އެބައޮތް. ފުރަތަމަ 66 ކުޅުންތެރިންނަށް ބަލައި، ހަ ޓީމަކުން އެ ކުޅުންތެރިން ނެގީ. އުމުރުން 17-37 އަހަރުގެ ކުޅުންތެރިންނަށް ބެލީ. ކުޅުންތެރިންނަށް ހުރި ފުރުސަތުތަކަށް ބެލީ. އުހަށް ދެވެން އޮތް ކުޅުންތެރިންނަށް ވިސްނީ. ކުޅުންތެރިންގެ ހުނަރަށް ބެލީ. ކުޅުންތެރިންގެ ކެރެކްޓާއަށް ބެލީ. ޓީމު ވޯކް ހުރި ވަރަށް ބެލީ، އަދި އެންމެ މުހިއްމު ކަމަކަށް ބަލަނީ ކުޅުންތެރިން ޕްރެޝަރު ހެންޑަލް ކުރުވަން،" ސެގަޓް ބުންޏެވެ.

މިރޭ އެފްއޭއެމްގައި ބޭއްވި ޕްރެސްގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް
ކޯޗު ބުނެފައި ވަނީ ޓީމު ނެގުމަށް އޭނާއަށް ނުބެލި އޮންނާނީ ހަމައެކަނި ނިމިދިޔަ ރަމަޟާން މަހު ކުޅުނު ބައެއް މެޗުތައް އެކަނި ކަމަށާއި، އެހެން ނޫނީ ހުރިހާ މެޗެއްގައިވެސް ކުޅުންތެރިންގެ ކުޅުން ބެލި ކަމަށެވެ. ސެގަޓް ބުނެފައި ވަނީ ޓީމުގައި ތިބި ކޮންމެ ކުޅުންތެރިއަކީވެސް ގައުމީ ޓީމަށް ކުޅެން ބޭނުންވެ، އެކަމަށް ފެން ބޮވައިގެންފައިވާ ކުޅުންތެރިންކަމަށާއި، ގައުމީ ޓީމަށް ކުޅޭނީ ގައުމު ތަމްސީލު ކުރުމަށް ފަހުރުވެރިވާނެ ކުޅުންތެރިން ކަން ޔަގީން ކަމަށެވެ.
ގައުމީ ޓީމުން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އެންމެފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، މެޗު ޕްރެސްއަށް ނުދިއުމުން ދަގަނޑޭ ޓީމުން ބޭރުކޮށްފައިވާ އިރު، އޭގެ ފަހުން ގައުމީ ޓީމުގެ ކޯޗާއި ދަގަނޑޭއާ ދެމެދު ބަހުގެ ހަމަލާތަކެއް ގޮސްފައިވެއެވެ. ކުރިންވެސް ސާފް ޗެމްޕިއަންޝިޕަށް ނުދާނެކަން އިއުލާންކޮށްފައިވާ ދަގަނޑޭ، މިފަހަރު ސާފް ޗެމްޕިއަންޝިޕަށް ނުދާނެކަމަށް އޭރުވެސް ވަރަށް ބޮޑަށް ބެލެވުނެވެ.
ދަގަނޑޭ ޓީމުގައި ނުހިމުނު ސަބަބާ ގުޅިގެން ސެގަޓް ބުނީ އޭނާއާއި ދަގަނޑޭއާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ދަގަނޑޭ ނުނެގި އެއް ސަބަބަކީ ދަގަނޑޭގެ އުމުރު ކަމަށެވެ. ދަގަނޑޭގެ މިހާރު އުމުރަކީ 32 އެކެވެ. އެހެން ނަމަވެސް އަންނަ މަހު ހަ ވަނަ ދުވަހު އޭނާއަށް 33 އަހަރު ފުރޭނެއެވެ.
"އަހަރެން އަޝްފާގާ ދޭތެރޭ އެއްވެސް ހިތް ބުރަކަމެއް ނެތް. އޭނާ އަކީ އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިއެއް. އޭނާގެ ހުނަރާ މެދުވެސް ސުވާލެއް ނެތް. އެކަމަކު ބައެއް ފަހަރު އުމުރާއެކު ކުޅުންތެރިން ބަދަލު ކުރަން ޖެހޭނެ. މުސްތަގުބަލަށް ބެލުން ވަރަށް މުހިއްމު. އަޝްފާގާ އަހަރެން ދެފަހަރަށް ބައްދަލު ކުރިން. ސާފް ޗެމްޕިއަންޝިޕަށް އަލުން ދާން އޭނާ ނުނިންމާ. އެ ނިންމުމަކީ އެފްއޭއެމްއާއި އަހަރެން އަދި އަޝްފާގުގެވެސް ނިންމުން،" ސެގަޓް ބުންޏެވެ.
ސެގަޓް ބުނީ އޭނާ ބޭނުން ވަނީ އާޖީލެއް ބިނާ ކުރުމަށް ކަމަށާއި، ދަގަނޑޭ ގައުމީ ޓީމުން ރިޓަޔާ ކުރަން ތައްޔާރުވާ ކަމަށެވެ.
"އަހަރެމެން ބޭނުން ވަނީ މުޅިން އާ ޖީލެއް ބިނާކުރަން. އަޝްފާގު މިހާރު ހުރީ ގައުމީ ޓީމުން ރިޓަޔާ ކުރަން ތައްޔާރަށް. އޭނާއަށް ލިބޭނެ ރިޓަޔާ ކުރާނެ މެޗެއް. އޭނާއަށް ފުރިހަމަ އިހުތިރާމް ލިބެން ޖެހޭ. ފެޑަރޭޝަނުން ވަކި ދުވަހެއް ނިންމާނެ. މިއީ ފުޓުބޯޅައިގައި އާއްމު ކަމެއް. އަޝްފާގު ރިޓަޔާ ވިޔަސް، އެއީ އޭނާއަށް ފުރިހަމަ އިހްތިރާމް ކުރަން ޖެހޭ ނިންމުމެއް. އޭނާ އަކީ ރާއްޖޭގެ ފުޓުބޯޅައިގައި މުހިއްމު ނަމެއް،" ސެގަޓް ބުންޏެވެ.
ސެގަޓް ބުނީ އޭނާއާއި ދަގަނޑޭއާ ސަމާސާވެސް ކުރާ ކަމަށާއި، ދަގަނޑޭއަކީ ވަރަށް ގަޔާވާ މީހެއް ކަމަށެވެ. އެކަމަކު އެ ވިސްނުމުގައި، ނޫނީ އެ ގާތް ކަމުގައި ދަގަނޑޭ ޓީމަށް ނުގެނެވޭނެ ކަމަށާއި، މަސައްކަތް ކުރަނީ ކުރިމަގަށް ކަމަށްވެސް ސެގަޓް ބުންޏެވެ. ސެގަޓް އިތުރަށް ބުނީ ދަގަނޑޭއަށް ފުރިހަމައަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި، އޭނާ ބިނާ ކުރާނެ ޓީމަކ ބުނާ ބަސް އަހާ، ޑިސިޕްލިން ރަނގަޅު ޓީމަކަށް ހަދާނެ ކަމަށެވެ. އަދި ފުރިހަމައަށް ޕްރޮފެޝަނަލް ޓީމެއް ބިނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސެގަޓް ބުންޏެވެ.

މިރޭ އެފްއޭއެމްގައި ބޭއްވި ޕްރެސްގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް
ކޯޗު ބުނެފައި ވަނީ ޓީމުގައި ތަޖުރިބާކާރު ބައެއް ކުޅުންތެރިން ހިމަނާފައި ވާނެ ކަމަށާއި، އަދި ބައެއް މަގާމުތަކަށް އުމުރުން ދުވަސްވީ ކުޅުންތެރިން ބޭނުންވާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. އެހެން ނަމަވެސް ފޯވަޑް ލައިނަށް މިހާރު ވަރުގަދަ ޒުވާން ކުޅުންތެރިންތަކެއް އެބަތިބި ކަމަށްވެސް ކޯޗު ސެގަޓް ފާހަގަކުރިއެވެ.
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ޓީމުން ފަރިތަކުރުންތައް ފަށާފައިވާ އިރު، ޓީމު ފަރިތަކުރުންތަކަށް ގަތަރަށް ފުރާނީ އަންނަ މަހު ހަވަނަ ދުވަހުގައެވެ. އެއަށްފަހު ބަންގާޅަށް ދާނީ ރާއްޖެ ނައިސް ކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ.
ސާފް ސުޒުކީ ކަޕްގެ ނަމުގައި ސެޕްޓެމްބަރު 4-15 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ ބަންގާޅުގައެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެ ހިމެނެނީ މުބާރާތުގެ ގްރޫޕް ބީގައެވެ.
ރާއްޖެއާއެކު ދެން ގްރޫޕްގައި ހިމެނެނީ ލަންކާ އަދި އިންޑިއާއެވެ. އޭގެ ތެރެއިން އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމެވެ. އެޓީމު ވަނީ ހަތް ފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލާލައިފައެވެ.
ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ.