އިސްލާމްއާބާދު (ޖުލައި 31): ޕާކިސްތާނުގެ އާއްމު އިންތިހާބުގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއިން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި އިމްރާން ޚާންގެ ޕާޓީން ކޯލިޝަނެއް ހަދައި، މަޖިލީހުގެ އަގުލަބިއްޔަތު ހޯދައިފި އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި އިންތިހާބުން އިމްރާން ޚާންގެ ތަހްރީކީ އިންސާފް (ޕީޓީއައި)އަށް ލިބުނީ 116 ގޮނޑި އެވެ. ނަމަވެސް ކޯލިޝަނަކާ ނުލައި ސަރުކާރު އެކުލަވާލަން 137 ގޮނޑި ބޭނުންވެ އެވެ.

އެހެންކަމުން ޕީޓީއައި އިން ވަނީ އެޕާޓީއަށް ތާއިދު ކުރާ އެހެން ޕާޓީތަކާއި މިނިވަން މެމްބަރުން އެއްކޮށްގެން ސަރުކާރު އުފެއްދޭ މިންވަރުގެ ކޯލިޝަނެއް ހަދާފައި ކަމަށް ޕީޓީއައިގެ ތަރުޖަމާނު ފަވާދު ޗޯދުރީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަނީ ކޯލިޝަން ޕާޓީތަކާއި މަޖިލީހުގައި ރިޒާވްކޮށްފައިވާ ސީޓުތައް ހިމެނޭ ގޮތަށް 168 މީހުންގެ ތާއީދު ލިބިފައި. އަދި މިހާރު ވެސް ދަނީ އަޅުގަނޑުމެންނާ މުސްތަގުބަލުގައި ގުޅޭނެ މިނިވަން މެމްބަރުންނާ ވާހަކަ ދައްކަމުން،" ޗޯދުރީ ވިދާޅުވި އެވެ.

އެގޮތުން މުއްތަހިދާ ގައުމީ މޫވްމެންޓް (އެމްކިއުއެމް)، ޕާކިސްތާން މުސްލިމް ލީގް-ގުއައިދު (ޕީއެމްއެލް-ކިއު) އާއި ބަލޮޗިސްތާނާއި ސިންދުގެ ސަރަހައްދީ ޕާޓީތައް އެކޯލިޝަނުގައި ހިމެނޭނެ ކަމަށް ޗޯދުރީ ވިދާޅުވި އެވެ.

އަދި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ މުސްލިމް ލީގް (ޕީއެމްއެލް-އެން) އާއި އެގައުމުގެ ޕީޕަލްސް ޕާޓީން ވަނީ ދެ ފަރާތުން ގުޅިގެން އިދިކޮޅު ޕާޓީތަކުގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.

މީގެ ކުރިން އެޕާޓީތަކުން ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ، މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.