ސެޕްޓެމްބަރު 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަކެއްގައި ވޯޓުލާން ރީރެޖިސްޓްރީވުމަށް ފޯމް ބަލައިގަތުމުގެ ވަގުތު އިތުރުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އަލަށް ގެނައި ބަދަލާއެކު ރީރަޖިސްޓްރޭޝަން ފޯމުތައް ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްދުވަހު ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 އަށް ބަލައިގަންނާނެ ކަމަށެވެ. އަދި ހުކުރު ދުވަހު ފޯމުތައް ބަލައިގަންނާނީ މެންދުރު ފަހު 3:00 އިން ހަވީރު 5:00 އަށް ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.

ހުކުރު ދުވަސް ފިޔަވައި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:30 އިން ހަވީރު 5:00 އަށް ފޯމުތައް ބަލައިގަންނާނެ ކަމަށްވެސް އެކޮމިޝަނުން ބުންޏެވެ.

ރީ ރަޖިސްޓްރީކުރުމަށް އިލެކްޝަން ކޮމިޝަނުން އެންމެ ފަހުން ހުޅުވާލައިފައިވާ ތާރީހަކީ އަންނަ މަހުގެ 11 ވަނަ ދުވަހެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ރީ ރަޖިސްޓްރީ ކޮށްދިނުމުގެ މަސައްކަތް މާދަމާ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް މާލޭ ނޯތު ހާބަރު ސަރައްދުގައި ކުރިއަށް ގެންދިއުމަަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓެއް އުޅެނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްތަކުގައެވެ. އެހެން ކަމުން 2013 ވަނަ އަހަރުގެ އިންތިހާބަށް 60000 މީހުން ރީ ރެޖިސްޓްރީ ވި އިރު މި އަހަރުގެ އިންތިހާބަށް އެއަށް ވުރެ ގިނަ އަދަދެއްގެ މީހުން ރީރަޖިސްޓްރީ ވާނެ ކަމަށް ބެލެވެ އެވެ.