01 Aug 2018, 09:40
ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި، ދިރާގަށް މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި 216 މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.
ދިރާގުން އިއްޔެ ނެރުނު އެ ކުންފުނީގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައި ވަނީ، އޭޕްރީލުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 694 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރާ އަޅާ ބަލާއިރު، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު ފައިދާ ތިން ޕަސެންޓް އިތުރެވެ. އަދި އެ މުއްދަތުގެ އާމްދަނީ ވެސް މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރާ އަޅާ ބަލާއިރު 11 ޕަސެންޓް އިތުރު ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.
މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރާ އަޅާ ބަލާއިރު، މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ފައިދާ އިތުރުވީ މޯބައިލް ޑޭޓާ އާއި ފައިބަރ ޓުދަ ހޯމް އަދި އެންޓަޕްރައިސް ޚިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުވެ، އާމްދަނީ މައްޗަށް ދިއުމުން ކަމަށް ދިރާގުން ބުނެއެވެ.
ދެ ވަނަ ކުއާޓަރުގައި ދިރާގުން ޓެކްސްގެ ގޮތުގައި 35 މިލިޔަން ރުފިޔަ ދެއްކިއެވެ. އަދި މި އަހަރުގެ ދެ ވަނަ ތިން މަސް ދުވަހުގެ ހިންގުމަށް 350 މިލިޔަން ރުފިޔާ ދިރާގުން ޚަރަދު ކުރި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ހިއްސާގެ ފައިދާއަށް ދެ ވަނަ ކުއާޓަރުގެ މުއްދަތުގައި ޖެހިފައިވަނީ 2.84 ރުފިޔާއެވެ. މުޅި އަހަރަށް ބަލާނަމަ ދެ ވަނަ ކުއާޓަރު ނިމުނު އިރު ހިއްސާގެ އަގު ހުރީ 11.36 ރުފިޔާގައެވެ.