މިސްރުގެ ގައުމީ ޓީމުގެ އާ ކޯޗަކަށް ކުރިން މެކްސިކޯގެ ކޯޗު ހާވިއާ އަގުއޭރީ ހަމަޖައްސައިފިއެވެ.

ހެކްޓާ ކޫޕާ ފުރަމުން ދިޔަ މަގާމު ހުސްވީ ވޯލްޑް ކަޕަށްފަހުގައެވެ. މިސްރުގެ ކޯޗުގެ މަގާމަށް ވާދަކުރި ބައެއް ކޯޗުގެ ތެރޭގައި ތިއެރީ އޮންރީވެސް ހިމެނިފައިވެއެވެ. އަދި މީޑިއާ ރިޕޯޓުތައް ބުނެފައި ވަނީ އޮންރީއާއި މިސްރުގެ އިދާރާތަކާ ދެމެދު ގިނަ ވާހަކަތަކެއްވެސް ދެކެވުނު ކަމަށެވެ.

އަގުއޭރީއަކީ މެކްސިކޯގެ ގައުމީ ޓީމަށް ކުޅެފައިވާ ކޯޗެކެވެ. 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އަގުއޭރީ ކުޅެފައިވާ އިރު، 2002 އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް މެކްސިކޯ ގައުމީ ޓީމުގެ ކޯޗަކީ އޭނައެވެ. އެ ދެ ވޯލްޑް ކަޕްގައިވެސް މެކްސިކޯ ވަނީ ގަދަ 16އަށް ދަތުރުކޮށްފައެވެ.

މިސްރުން އެގައުމުގެ ފުޓުބޯޅަ ޓީމުގެ ކޯޗު މަގާމުން ވަކިކޮށްފައި ވަނީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ބަލިވެގެން ކެޓުމުގެ ސަބަބުންނެވެ. މިއަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވެފައި ވަނީ 28 އަހަރަށްފަހުގައެވެ.

މިސްރުގެެ ކޯޗުކަމާ ހަވާލުވި އަގުއޭރީ އެންމެފަހުން މަސައްކަތް ކޮށްފައި ވަނީ ޔޫއޭއީގެ ކްލަބެއް ކަމަށްވާ އަލް ވަހުދާގައެވެ. އޭނާ ވަނީ އެ ކްލަބާއެކު 2015 އިން ފެށިގެން މިދިޔަ އަހަރާ ހަމައަށް މަސައްކަތް ކޮށްފައެވެ. އޭގެ ކުރިން އޭނާ ހުރީ ޖަޕާން ގައުމީ ޓީމުގެ ކޯޗުކަމުގައެވެ.