ސައޮ ޕައުލޯ (އޮގަސްޓު 5): ބްރެޒިލްގެ ވޯކާސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އެގައުމުގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ އައްޔަންކޮށްފި އެވެ.

ކޮރަޕްޝަނުގެ މައްސަލައެއްގައި މިދިޔަ އޭޕްރިލް މަހު 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ފެއްޓެވި ލޫލާ ރިޔާސީ ކެންޑިޑޭޓުކަމަށް އައްޔަން ކުރީ އިއްޔެ ވޯކާސް ޕާޓީން ބޭއްވި ކޮންވެންޝަނެއްގަ އެވެ.

ބްރެޒިލްގައި 2003އިން 2010އަށް ވެރިކަން ކުރެއްވި ލޫލާގެ މެސެޖެއް އިއްޔެ އެކޮންވެންޝަނުގައި ވަނީ އިއްވާފަ އެވެ. ލޫލާގެ ފޮޓޯ ޖަހާފައިވާ މާސްކު އަޅައިގެން ތިބި ޕާޓީގެ ސަޕޯޓަރުންނަށް ދެއްވި މެސެޖުގައި ލޫލާ ވަނީ ގައުމުގެ ޑިމޮކްރަސީއަށް ނުރައްކާވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އެމީހުން ބޭނުން ވަނީ ރައީސަކު ހިޔާރު ކުރުމުގެ ހައްގު ރައްޔިތުންގެ އަތުން ނިގުޅައިގަންނަން. އެމީހުން ބޭނުން ވަނީ ރައްޔިތުންނާ ނުލައި ޑިމޮކްރަސީއެއް ހަދަން. އަޅުގަނޑުމެންނަށް ވަނީ [ޑިމޮކްރަސީ ގެނައުމަށް] ވަރަށް ބޮޑު ޒިންމާއެއް ކުރިމަތިވެފައި،" ލޫލާގެ މެސެޖުގައިވެ އެވެ.

ލޫލާ ޖަލަށްލީ ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އޯއޭއެސް އިން ރިޝްވަތުގެ ގޮތުގައި ދިން އެޕާޓްމެންޓެއް ގަބޫލުކުރައްވާފައި ކަމަށް ކޯޓުގައި ސާބިތުވުމުންނެވެ.

ލޫލާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ދޮގު ކުރައްވައިފަ އެވެ. އަދި އެއީ އަންނަ އޮކްޓޯބަރު މަހު ބާއްވާ ބްރެޒިލްގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަ ކުރައްވާތީ، އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކުރި ދައުވާތަކެއް ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ޖެނުއަރީ މަހު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ކޯޓުން ވަނީ ހުކުމް ދަމަހައްޓައި، މީގެ ކުރިން ނުވަ އަހަރަށް ޖަލަށް ލާން ކުރި ހުކުމް 12 އަހަރަށް އިތުރުކޮށްފަ އެވެ.

ލޫލާ އާއި ވޯކާސް ޕާޓީން އަދިވެސް ތިބީ އޭނާއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމާ ބެހޭ ގޮތުން ކޯޓުން ފަހު ގޮތެއް ނިންމަންދެން މަޑު ކޮށްގެންނެވެ. ނަމަވެސް އެގައުމުގެ ގާނޫނު އަސާސީގައިވާ ގޮތުން ކުށެއް ސާބިތުވެ، މައްސަލައިގެ އިސްތިއުނާފު ނާކާމިޔާބުވެއްޖެ ނަމަ ރައީސްކަމަށް ވާދަ ނުކުރެވޭނެ އެވެ. (އަލްޖަޒީރާ)