ރަށްރަށުން ގޯތި ދޫކުރުމަށް ވެރިކަމުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފަށާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ތ އަތޮޅަށް އިބޫ ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި އެ އަތޮޅު ވިލުފުއްޓަަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރަށްރަށުގައި ބިން ހިއްކާފައި ހުރި ނަމަވެސް ގޯތި ދޫނުކުރާތީ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ފޯރާފައިވާ ކަމަށެވެ.

އެހެންވެ އޭނާ ވެރިކަމަށް އަންނަ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރަށްރަށުން ގޯތި ދޫކުރަން ފަށާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އޭގެ އިތުރުން ތ އަތޮޅުގެ ރައްޔިތުންނަށްވެސް އިބޫ ވަނީ ވައުދުތަކެއް ވެ ވަޑައިގެންފަ އެވެ.

އެގޮތުން އަތޮޅުގައި ޓުއަރިޒަމް ފުޅާ ކުރުމަށް ތ އަތޮޅުގެ ރަށްރަށުގައި ޓިއަރިސްޓް ރިސޯޓުތައް ހަދާނެ ގޮތް މަގުފަހިވެގެން ދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"މި ރަށަރަށް ބަލާއިރުވެސް ޓުއަރިޒަމް އިތުރުކުރެވޭނެ ގޮތް ގޮތް ފެންނަން އެބަހުރި. ފަޅު ރަށްރަށް މިރަށާއި ކައިރީގައި އެބަހުރި. ލޯކަލް ޓުއަރިޒަމް ތަރައްގީކުރެވޭނެ ގޮތްތައް އެބަހުރި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި މިސަރަހައްދަށް ޓުއަރިސްޓް ރިސޯޓުތައް ގެނައުމުގެ މަސައްކަތް ހަލުވިކޮށް ފަށާނަން" އިބޫ ވިދާޅުވި އެވެ.

އޭގެ އިތުރުން ވިލުފުށީ ޒުވާނުންނަށް ޒުވާނުންގެ މަރުކަޒެއް އަޅައިދޭނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެރަށުގެ މަސްވެރިނަށް ކައިރިން މަސްބޭނޭނޭ ގޮތް ހެދުމަށް އޮއިވާލި ކަނދުފޮތި ކައިރި ހިސާބުތަކުގައި ހަރުކުރާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

އިބޫ މިއަދު ތ އަތޮޅުގެ އެހެން ރަށެއްގައި ވާހަކަފުޅު ދައްކަވަމުން އެ އަތޮޅުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށްވެސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.