ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓް (މީރާ) ގެ އަށް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ފާހަގަކުރާ މީރާގެ "ޓެކްސް ވީކް" ގެ ތެރެއިން ހިންގާ ބްލަޑް ޑޮނޭޝަން ކޭމްޕް މިއަހަރުވެސް ބާއްވައިފިއެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޭމްޕް ކުރިޔަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:30 ގެ ނިޔަލަށެވެ. މި ކޭމްޕް ބާއްވާފައިވަނީ އޯކިޑް ބިލްޑިންގައެވެ.

ބްލަޑް ޑޮނޭޝަން ކޭމްޕް ބާއްވާފައިވަނީ މޯލްޑިވިއަން ބްލަޑް ސާވިސް އާއެކު ގުޅިގެންނެވެ.

މިއަދު ކުރިޔަށް ދިޔަ ކޭމްޕާ ބެހޭ ގޮތުން ސަން އާ ވާހަކަ ދައްކަވަމުން މީރާގެ އޮފިޝަލަކު ވިދާޅުވީ، މިއަދުގެ ކޭމްޕް ނިންމާލީ ވަރަށް ފުރިހަމަ ކަމާއެކު ހިތް ހަމަ ޖެހިގެން ކަމަށެވެ.

މީރާގެ ބްލަޑް ޑޮނޭޝަން ކޭމްޕް 2018: ފޮޓޯ މީރާ....

އޮފިޝަލް ވިދާޅުވީ، މި ކޭމްޕް ކުރިޔަށް ގެންދިޔައީ މީރާގެ މުވައްޒަފުންނާއި އާމުންނަށް ވެސް ހުޅުވައިލައިގެން ކަމަށެވެ. މިއަދުގެ ކޭމްޕް ގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއަދު މި ހިންގުނު ކޭމްޕްގައި ގަނޑަކަށް 100 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ. އެއީ ވަރަށް ގިނަ އަދަދެއް. މިއަދުގެ ކޭމްޕު ނިންމާލެވުނީ ވަރަށް ކާމިޔާބުކަމާ އެކު" އޮފިޝަލް ވިދާޅުވިއެވެ.

މިއަދު ހިންގި ކޭމްޕުގައި ލޭގެ ގްރޫޕް ނޭނގޭ މީހުންނަށް ވަގުތުން ލޭގެ ގްރޫޕް ބެލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

މިއަދު ހަދިޔާކުރި ލޭތައް، ލޭ އަޅާ ކުދިންގެ އިތުރުން އެކި އެކި ކަންކަމަށް ލޭ ބޭނުންވާ މީހުންނަށް ހަދިޔާ ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީރާގެ ބްލަޑް ޑޮނޭޝަން ކޭމްޕް 2018 -- ފޮޓޯ/ މީރާ

"އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ވަރަށް ގިނަ ސްޓާފުން ވަނީ ލޭ ދީފަ. އަސްލު ސްޓާފުންގެ ތެރޭގައިވެސް މިކަން ޕްރޮމޯޓްވެ ގިނައިން މޯޓިވޭޓް ވަމުން ދަނީ. އެއްކުއްޖަކު ލޭ ދޭތަން ފެނިގެން ވެސް އެހެން ކުދިން ވެސް ހަމަ ދޭ ހިތުން ދަނީ. ފާހަގަ ކޮށްލަން ފުރަތަމަ ފަހަރަށް ލޭ ދިން ކުދިން ގިނަ ކަން. އޭގެ އިތުރުން އާންމުންގެ ތެރެއިން ގިނަ ފަރާތްތަކުން ވަނީ ލޭ ހަދިޔާކޮށްފަ،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މީރާ އަކީ އަބަދުވެސް އެމީހުން ދޭ ޚިދުމަތުގެ އިތުރުން އާމުންނަށް ވަރަށް ގިނަ ޚިދުމަތްތަކެއް ދެމުން އަންނަ ތަނެއް ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ކޭމްޕް ބާއްވާނެ ކަމަށެވެ.