އިގްތިސާދީ ސިޔާސަތު އެންމެ ރަނގަޅީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކަމަށް ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އިންގެނެސްދިން "މައި ނޭޝަން، މައި ފިއުޗަރ" ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން އެމްޔޫ މަނިކު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން، އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަކާއެކު ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާކަމަށެވެ.

އޭނާ ވިދާޅުވީ ޒަމާނީ ވިޔަފާރީގެ މޮޑެލްއަކަށް ރާއްޖޭގެ އިގްތިސާދު މިހާރު ބައްޓަންވެފައިވާކަމަށެވެ.

އެމްޔޫ މަނިކުގެ އިތުރުން ޗަންޕާ ހުސައިން އަފީފާއި އަހުމަދު ނަޒީރު (ކްރައުން ނަޒީރު)ގެ އިތުރުން ރިސޯޓު އެންޑް ކޮންސްޓްރަކްޝަންގެ ޗެއާމަން މުހައްމަދު އަލީ ޖަނާހާއި ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސް އިސްމާއީލް އާސިފު ބައިވެރިވެވަޑައިގަތެވެ.

"ތަރައްގީގެ އައު ޖީލެއް މިހާރު މިދެކެނީ. ވަރަށް ގިނަ ކަންތައްތައްތަކެއް އެބަ ހިނގާ. ޕްރޮވައިޑިންގ ޝެލްޓަރ، އެކި ދާއިރާތަކުން ވަރަށް ބޮޑު އެކްސްޕެންޝަނެއް މި އަންނަނީ. މިއިން ދުވަހަކު ރާއްޖޭގައި ނާންނަވަރުގެ އެކްސްޕެންޝަނެއް މިއީ،" މަޓީގެ ޗެއާމަން، އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު ވިދާޅުވިއެވެ.

އެ ޕޮރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ކްރައުން ކޮމްޕެނީގެ ޗެއާމަން އަދި މަޓީގެ ވައިސް ޗެއާމަން ޗަންޕާ ހުސައިން އަފީފު ވިދާޅުވީ މިފަދަ ތަރައްގީ އެއް ނުގެނެވިއްޖެނަމަ އަޅުގަނޑުމެން އަނެއްކާވެސް ދާނީ ފަހަތައްކަމަށާއި ދުނިޔެ ކުރިއަރާދާ މިންވަރަކަށް އަޅުގަނޑުމެން ވެސް ކުރިއަރައިގެން ދާންޖެހޭ ކަމަށެވެ.

"ދުނިޔެ ކުރިއަރާދާ މިންވަރަކަށް އަޅުގަނޑުމެންވެސް އެބަޖެހޭ ކުރިއަރާދާން. މިއީ ވަރަށް ވާދަވެރި ޒަމާނެއް. އެހެންވީމަ އަޅުގަނޑުމެންނަށް ވަރަށް މުހިއްމު މި އެކްސްޕެންޝަނާއި ތަރައްގީ ގެންނަން،" އަފީފު ވިދާޅުވިއެވެ.

މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ އިކޮނޮމިކް ޑިވެލޮޕްމަންޓަކީ ރައްޔިތުންގެ ފައިދާއަށްޓަކައި ހުރިހާ ސަރުކާރަކުންވެސް ކުރާކަމެއްކަމެއްކަމަށާއި މި ސަރުކާރުން އެކްސެލެރޭޓެޓް އިކޮނޮމިކް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކެއް ފަށައިގެން އެކަންކަމުގެ ފޮނި ނަތީޖާވެސް މިހާރު ހާސިލުވަމުންދާ މަންޒަރު ފެންނަމުން ދާކަމަށެވެ.

މީގެ އިތުރުން ތަރައްޤީއާއި އިގްތިސާދަކީ ވަކި ނުކުރެވޭނެ ދޭއްޗެއްކަން ފާހަގަކުރައްވައި ވަރުގަދަ އިގްތިސާދެއް ބިނާކުރުމަށް، އުމްރާނީ ތަރައްގީގެ ވަސީލަތްތައް ބިނާކުރުމުގެ މުހިއްމުކަމުގެ މައްޗަށް ނަޒީރުގެ ވާހަކަފުޅުގައި އަލިއަޅުވައި ލެއްވިއެވެ.

އެގޮތުން އުމްރާނީގޮތުންނާއި، އިގްތިސާދީގޮތުން އަދި އިޖްތިމާއީގޮތުން މިއަދު ރާއްޖެ މިދެކޭ ތަރައްގީއަކީ ދުނިޔޭގެ ފެންވަރުގައިވެސް ބަލައިގަންނަ ކަންތައްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އެތައް ގޮތަކުން ފައިދާކުރަނިވި ކަންތައްތަކެއް،" ރައީސްގެ އިގްތިސާދީ އެޖެންޑާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ނަޒީރު ވިދާޅުވިއެވެ.