08 Aug 2018, 20:37
ތަރައްގީގެ ހަގީގީ ރަހަ ރައްޔިތުންނަށް އެންމެ ގިނައިން ލިބިފައިވަނީ މި ސަރުކާރުގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ގއ. ވިލިނގިލީގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށާއި އެރަށުގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ވަމުން އައީ މި ވެރިކަމުގައި ކަމަށެވެ. އެހެންކަމުން މި އަހަރުގެ ރިޔާސި އިންތިޚާބުގައި އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވުމަށް ރައީސް ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.
ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު އެއް ހަޒާނާއަށް ވާއިރު ނިމިގެންދިޔަ ސަރުކާރުތަކުގައި ޒުވާނުންނަށް ކޮށްދެންޖެހޭ ގިނަ ކަންތައް ކޮށްދީފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވެރިކަން ކުރި ހަތަރު އަހަރުތެރޭ ޒުވާނުންނަށް ހުރިހާ ދާއިރާއަކުން ކުރިއެރުން ހޯދައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ގެންނަނީ ތަރައްގީ ނޫން ކަމަށް ބުނާ މީހުން ދަނީ އެ ތަރައްގީ ކޮޕީ ކުރަމުންކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް އިޝާރާތްކުރައްވައި ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ގެނެސްފައިވަނީ ތަރައްގީއެއްނޫން ކަމަށް ބުނި ނަމަވެސް އިދިކޮޅުންވެސް ކުރިއަށްދާން ބޭނުންވަނީ މި ސަރުކާރުގެ ޕްލޭންތަކާ އެއްގޮތަށެވެ.
"އިދިކޮޅުން ކެމްޕެއިން ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން ތަފާތު ވައުދުތައް ވަމުން އަންނައިރު އިދިކޮޅު ބޭފުޅުންވެސް އެ ވައުދައް ތެދަށް ނުހެއްދެވޭނެކަމަށް ގަބޫލުކުރޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީނަކީ ވެރިކަމުގެ ނުފޫޒު ބޭނުން ކުރައްވާ ބޭފުޅެއްކަމަށް ބުނެ އިދުކޮޅުން ދައްކަމުންދާ ވާހަކަތަކަށް މިއަދު އެމަނިކުފާނު ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން 2013 ވަނަ އަހަރުގެ އިންތިޚާބު ފެށެން ކުޑަތަންވެފައި ވަނިކޮށް އޭރުގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ގެކޮޅަށް ނުގަޑިއެއްގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު ވަދެވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ސުޕްރީމް ކޯޓުގެ ލެޓާ ހެޑެއް ވަގަށްނަގައިގެން ރައީސް ޔާމީން ހައްޔަރުކުރެއްވުމަށް ސިޓީއެއް ލިޔުއްވި ކަމަށް ވިދާޅުވެ، އެއީ ނުފޫޒުން ނޫން އިތުރު ކޮންގޮތަކަށް ކުރި ކަމެއްތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.