ފެށޭ މަހު ބާއްވާ ރިޔާސީ އިންތިހާބަށް ރި-ރެޖިސްޓްރީވާން ފުރުސަތު ދިން އެންމެ ފަހު ރޭ އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ހަމަ ނުޖެހުން ހިންގި ކަމަށާއި އެކަން ހުއްޓުވީ ފުލުހުން ގެނެސްގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިދިކޮޅު ފަރާތްތަކުން އެރޭ ރި-ރެޖިސްޓްރޭޝަން ފޯމުތައް ނުލެވިގެން "އިލެކްޝަންސް ކޮމިޝަނަށް އަރައިގަތް" ކަމަށް އިއްޔެ ރައީސް ޔާމީން ވެސް ވިދާޅުވި އެވެ.

އިލެކްޝްންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އެރޭ 12 ޖެހުމަށް ފަހު އެއްވެސް ފޯމެއް ހުށަހަނޭޅޭނެ ކަން އިލެކްޝަނުން ހުރިހާ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

އެހެންނަމަވެސް ބައެއް ސިޔާސީ ޕާޓީތަކުގެ ބޭފުޅުން 12 ޖަހަން 10 މިނިޓަށް ވެފައި ވަނިކޮށް އެތަނުން ނުކުމެގެން ގޮސްފައިވާ ކަމަށެވެ. އެނބުރި ފޯމުތައް ލާން އެތަނަށް ދިޔައީ އެކެއް ޖެހި ފަހުން ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"ދެން އެބޭފުޅުން މަސައްކަތް ކުރީ ގަދަކަމުން އިލެކްޝަންސްގެ އިންތިހާބީ މަރުކަޒުގެ ދޮރުވައްޓާލައިގެން ވަންނަން. އެހެންވެ އެތާ ތިބި ފުލުހުންނާއި އިތުރު ފުލުހުން ގެނެސްގެން އެތަނުން ފޮނުވާލީ،" އަކްރަމް ވިދާޅުވި އެވެ.

އެތަނުގައި ކުރީގެ ބައެއް މަޖިލިސް މެމްބަރުން ވެސް ތިބި ކަމަށް އަކްރަމް ވިދާޅުވި އެވެ.

ރި-ރެޖިސްޓްރީވާން ހުޅުވާލި ފުރުސަތު ހަމަވީ މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ރި-ރެޖިސްޓްރީ ވި މީހުންގެ އަދަދެއް ސާފުވާނީ މާދަމާ ކަމަށް އަކްރަމް ވިދާޅުވި އެވެ. ރި-ރެޖިސްޓްރީ ވާން ގާތްގަނޑަކަށް 95،000 ފޯމު ހުށަހެޅި ކަމަށް ވެސް ވިދާޅުވި އެވެ.