އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އިނގިޜޭސިވިލާތުގެ އެންމެ ބޮޑު އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ޖެރިމީ ކޯބިން އާ ދެމެދު ޓުވިޓާގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.

ކޯބިންއާ ނަތަންޔާހޫއާ މެދު މައްސަލަ ހޫނުވީ، ކޯބިން 2014 ވަނަ އަހަރު ޓިއުނީޝިއާއަށް ކުރެއްވި ޒިޔާރަތުގައި، ފަލަސްތީންގެ ޕީއެލްއޯގެ މެމްބަރުންތަކެއް ވަޅުލާފައިވާ މަގުބަރާތަކެއްގައި މާބޮނޑިތަކެއް ބަހެއްޓެވި ހާދިސާ މީޑިއާގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ.

އިނގިޜޭސިވިލާތުގެ ޑެއިލީ މެއިލްއިން ދާދި ފަހުން ޝާއިއު ކުރި ހަބަރެއްގައި ބުނީ ކޯބިން އެ ދަތުރުފުޅުގައި މާބޮނޑި ބެހެއްޓެވި މަގުބަރާގެ ތެރޭގައި "މިއުނިކް ހަމަލާ" ގައި ބައިވެރިވި ފީއެލްއޯގެ މެމްބަރުން ހިމެނޭ ކަަމަށެވެ. މިއުނިކް މަސެކާއަކީ 1972 ފަލަސްތީންގެ ޕީއެލްއޯ ޖަމާއަތުން ވެކިވެގަނެ އުޅުނު ފެކްޝަނަކުން ހުޅަނގު ޖަރުމަނުގައި އޭރު ތިބި އިސްރާއިލްގެ އޮލިމްޕިކް ޓީމަށް އަމާޒުކޮށް ހިންގި އުދުވާނެކެވެ. އެ ހަމަލާގައި އިސްރާއިލްގެ އޮލިމްޕިކް ޓީމްގައި ހިމެނޭ 11 މީހުން މަރުވިއެވެ.

"މިއުނިކް ހަމަލާގައި ބައިވެރިވި ޓެރެރިސްޓުންގެ މަގުބަރާގައި ކޯބިން މާބޮނޑި ބަހައްޓައި އަދި އިސްރާއިލްއަކީ ނާޒީ ޖަރުމަނާ އެއްފަދަކުރުމަކީ ހުރިހާ ފަރާތްތަކުންވެސް ކުއްވެރިކުރަން ޖެހޭނެ ކަމެއް. " ނަތަންޔާހޫ ވިދާޅުވިއެވެ.

ކޯބިން ނަތަންޔާހޫއަށް ރައްދު ދެއްވައި ވިދާޅުވީ ނަތަންޔާހޫގެ ވާހަކަ ތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އަދި ހަގީގަތުގައި ކުއްވެރިކުރަންވީ އިސްރާއިލުން ގައްޒާގައި ހިންގަމުންދާ އުދުވާންތައް ކަަމަށެވެ. އަދި ކޯބިން ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތަކީ އިސްރާއިލުން 1985 ވަނަ އަހަރު އިސްރާއިލުން ޕީއެލްއޯގެ ހެޑްކުއާޓަރަށް ދިން ހަމަލާގައި މަރުވި ހަމަލާގައި މަރުވި މީހުންގެ ހަނދާން އާކުރުމަށް ބޭއްވި ރަސްމިއްޔާތެއްކަމަށްވެސް ކޯބިން ވިދާޅުވިއެވެ.

އިސްރާއިލުން ބުނާ ގޮތުގައި ޓިއުނީޝިއާގައި ހުންނަ މަގުބަރާގައި ، މިއުނިކް ހަމަލާގައި ބައިވެރިވި ބައެއް ފިދާއީން ހިމެނެއެވެ. ނަމަވެސް އެކަން ޕީއެލްއޯއިން ދޮގުކުރެއެވެ.

އިސްރާއިލުން 1985 ވަނަ އަހަރު ، ޓިއުނީޝިއާގައި ހުންނަ ޕީއެލްއޯގެ ހެޑްކުއާޓާސްއަށް ދިން ހަމަލާގައި އެ ޖަމާއަތުގެ 47 މެމްބަރުން މަރުވިއެވެ. އެ ހަމަލާ އދ. އިން ވެސް އޭރު ވަރަށް ބޮޑަށް ކުއްވެރިކުރިއެވެ.