ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހދ. ކުޅުދުއްފުއްޓަށާއި އެ އަތޮޅު ނޮޅިވަރަމްފަރަށް ވަޑައިގަންނަވާނެއެވެ.

މާދަމާ މެންދުރު ރައީސް ޔާމީން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ނޮޅިވަރަންފަރަށެވެ. އެ ރަށުގައި ހައުސިން މިނިސްޓްރީން މިދިޔަ އަހަރުގެ ޑިސެމްބަރު 21 ގައި ނިންމާފައިވާ، ބަނދަރު ހުޅުއްވައިދެއްވުމަށްފަހު އެ ރަށު ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދެ ދުވަހުގެ ދަތުރުފުޅެއްގައި މާދަމާ ހަވީރު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގައި ތާރުއަޅައި ނިންމާފައިވާ މަގުތަކާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ބުދަ ދުވަހުއެވެ. ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ޕީޕީއެމްގެ މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ހދ. ގެ ދެ ރަށަކަށް ރައީސް މާދަމާ ވަޑައިގަންނަވާއިރު ކުޅުދުއްފުށީގައި ހަދަން ފަށާފައިވާ އެއާޕޯޓު މި މަސް ނިމުމުގެ ކުރިން ނިންމޭނެ ކަމަށް އެ މަޝްރޫއު ފައްޓަވައި ދެއްވަމަށްފަހު މިދިޔަ އަހަރުގެ ނޮވެމްބަރ 12 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއާޕޯޓުގެ މަސައްކަތް އަދި ނިމިފައިނުވާއިރު އެ މަސައްކަތް ލަސްވެފައިވަނީ އިދިކޮޅު ފަރާތްތަކުން ހުރަސް އެޅުމުން ކަމަށް ރައީސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.