24 Aug 2018, 13:14
ރިޝްވަތާއި ކޮރަޕްޝަނާއި މަގާމުގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ކުށް ސާބިތުވެ، 24 އަހަރަށް ޖަލަށް ލާފައިވާ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގުން ހޭގެ ޖަލު ހުކުމުގެ މުއްދަތު 25 އަހަރަށް ބަދަލުކޮށްފިއެވެ.
ދެކުނު ކޮރެއާގެ ފުރަތަމަ އަންހެން ލީޑަރުގެ ގޮތުގައި ރައީސްކަމަށް 2013 ވަނަ އަހަރު އިންތިހާބުވި ޕާކް ގުން ހޭގެ އިތުބާރު ނެތްކަމަށް އެގައުމުގެ ޕާލަމެންޓުން ފާސްކުރީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އަދި އޭނާ މަގާމުން ވަކިކުރީ 2017 ވަނަ އަހަރުގެ މާޗު މަހުގައެވެ.
ޕާކްގެ އިތުބާރު ނެތްކަމަށް ފާސްކުރީ، ކަމަނާގެ ގާތް ރަހުމަތްތެރިޔާ ޗޮއި ސޫން ސިލްއަށް ނާޖާއިޒު ފައިދާތަކެއް ހޯދުމަށް މަސައްކަތް ކުރެއްވިކަމުގެ މައްސަލަތަކެއް ފެންމަތިވެގެންނެވެ.
ޕާކްގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި އެކަމަނާގެ ސިޔާސަތުތަކެއް ކުރިއަރުވަން އުފެއްދެވި ދެ ފައުންޑޭޝަނަކަށް ފައިސާގެ އެހީ ހޯދުމަށް ބޮޑެތި ވިޔަފާރިތަކަށް ޕްރެޝަރުކުރުމާއި، ސެމްސަންގް ގްރޫޕުގެ ވެރިޔާގެ ފަރާތުން ރިޝްވަތު ހޯދުމަށް މަސައްކަތް ކުރެއްވުމާއި، ހްޔުންޑައި ކުންފުނިން އެކަމަނާގެ ރަހުމަތްތެރިޔާ ޗޮއި ޗުން ސިލްގެ ކުންފުންޏަކަށް އިޝްތިހާރު ހޯދައިދީ، ނާޖާއިޒު ފައިދާ ހޯދުމަށް މަސައްކަތް ކުރެއްވުން ހިމެނެއެވެ.
މި ކަންކަން ސާބިތުވާ ކަމަށް ކަނޑައަޅައި، ކުރީގެ ރައީސާ ޕާކް ގުން ހޭ 24 އަހަރަށް ޖަލަށް ލުމަށް ދަށު ކޯޓުން ހުކުމް ކުރެއްވީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. މިއަށް ވުރެ ހަރުކަށި ހުކުމަކަށް އެދި ދެކުނު ކޮރެއާގެ ދައުލަތުގެ ވަކީލުން އެ މައްސަލަ އިސްތިއުނާފުކުރި އިރު، ޕާކް ގުން ހޭ ވަނީ އިސްތިއުނާފު ނުކުރައްވަން ނިންމަވާފައެވެ.
ސޯލްގެ ހައި ކޯޓުން ވަނީ 24 އަހަރުގެ ޖަލު ހުކުމް، 25 އަހަރަށް ބަދަލުކުރައްވާފައެވެ. އަދި މަގާމުގެ ބާރު ނާޖާއިޒުގޮތުގައި ބެނުންކުރުމާއި ރިޝްވަތުގެ ކުށް ސާބިތުވާތީ، 20 ބިލިޔަން ވޮން (17.86 މިލިޔަން ޑޮލަރުން) އެކަމަނާ ޖޫރިމަނާކުރަންވެސް ހައި ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
"ސިޔާސީ ފަރާތްތަކާއި ފައިސާވެރިންނާ ދެމެދު މިފަދަ މުއާމަލާތްތައް ހިނގުމަކީ ޑިމޮކްރަސީގެ އުސޫލުތަކަށް ގެއްލުންވާ ކަމެއް. އަދި އިގްތިސާދުގެ ހަމަތައް ގެއްލުވާލާ ކަމެއް. މިކަމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވެ، މުޖުތަމައަށް އޮތް އިތުބާރު ގެއްލޭނެ،" ހުކުމް އިއްވަމުން ސޯލް ހައި ކޯޓުގެ ފަނޑިޔާރު ކިމް މުން ސުކް ވިދާޅުވިއެވެ.