ސްރީލަންކާގެ 100 އަށް ވުރެ ގިނަ ޓައުނެއްގެ ފިހާރަތަކުން ސިނގިރޭޓު ވިއްކުން ހުއްޓާލައިފިއެވެ.

ސްރީލަންކާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، އެގައުމުގެ ޕަބްލިކް ހެލްތު އިންސްޕެކްޓާސް ޔޫނިއަނުން ވަނީ އެގައުމުގެ ގިނަ ޓައުންތަކެއްގައި، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގެއްލުންތަކާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ފަށާފައެވެ.

މިއާ އެކު ބައެއް ވިޔަފާރިވެރިންނާއި ފިހާރަ ހިންގާ މީހުން ސިނގިރޭޓު ވިއްކުން ހުއްޓާލަން ނިންމި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ސިނގިރޭޓު ވިއްކުން މުޅިން ހުއްޓާލި ބައެއް ޓައުންތަކުގެ ތެރޭގައި އުތުރުގެ ޖަފްނާ ޑިސްޓްރިކްޓުގެ 22 ޓައުނެއް، ދެކުނުގެ މާތަރަ ޑިސްޓްރިކްޓުގެ 17 ޓައުނެއް އަދި ހުޅަނގު އުތުރުގެ ކުރުނޭގަލަ ޓައުންގެ 16 ޓައުނެއް ހިމެނެއެވެ.

ހެލްތު މިނިސްޓަރު ޑރ. ރާޖިތަ ސޭނާރަތުނަ ވިދާޅުވި ގޮތުގައި، ސިނގިރޭޓު ވިއްކުން ހުއްޓާލި ޓައުންތަކުގެ އަދަދު އަންނަ އަހަރު 200 އަށް އިތުރުކުރުމަކީ ސަރުކާރުގެ އުންމީދެކެވެ.

ސްރީލަންކާ ސަރުކާރުން ދާދި ފަހުން ފެށިގެން ދަނީ ސިނގިރޭޓު ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ދުންފަތް ހިމެނޭ މުދަލުން ނަގާ ޓެކްސް 90 ޕަސަންޓަށް އިތުރުކުރުމާއި، ސިނގިރޭޓު ފޮށީގެ 80 ޕަސަންޓުގައި ދުންފަތުގެ ނޭދެވޭ އަސަރުތައް ފެންނަ ފޮޓޮއާއި އިންޒާރު ޖެހުން ހިމެނެއެވެ.

މީގެ އިތުރުން އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެއް ކަމުގައި ކަނޑައަޅާފައިވާ އިރު، ސްކޫލުތަކުގެ ވަށައިގެން 100 މީޓަރަށް އޮންނަ ސަރަހައްދުތަކުގައި ސިނގިރޭޓު ވިއްކުމަކީ މަނާކަމެއް ކަމުގައިވެސް ލަންކާ ސަރުކާރުން ކަނޑައަޅާފައިވެއެވެ.