27 Aug 2018, 09:17
ބޮލީވުޑް ލެޖެންޑް ރާޖް ކަޕޫރު މީގެ 70 ވަރަކަށް އަހަރު ކުރިން ބިނާކުރި ފިލްމު ސްޓޫޑިއޯ، އާރްކޭސްޓޫޑިއޯސް ވިއްކާލަން ނިންމައިފި އެވެ.
މުމްބާއީގެ ޗެމްބޫރުގައި ހުންނަ އެ ސްޓޫޑިއޯ ވިއްކާލަން ނިންމީ ރާޖް ކަޕޫރުގެ އަނބިމީހާ ކްރިޝްނާ ރާޖް ކަޕޫރު، އަދި އޭނާގެ ދަރިން، ރާޖީޗް ކަޕޫރު، ރަންދީރު ކަޕޫރު، ރިޝީ ކަޕޫރު، ރީމާ ޖެއިން އަދި ރީތޫ ނަންދާ މަޝްވަރާ ކުރުމަށް ފަހު އެންމެން އެގޮތަށް އެއްބަސްވެގެންނެވެ.
ކަޕޫރު އާއިލާ އިން ރާޖް ކަޕޫރުގެ ހަނދާންތައް ދިރުވަން ވަރަށް ބޮޑަށް މަސައްކަތް ކުރެ އެވެ. މިހާ ދުވަސް ވަންދެން އެ ސްޓޫޑިއޯ ބަލަހައްޓަމުން އަންނަނީ ވެސް އެ ސަބަބަށް ޓަކައެވެ.
ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ސްޓޫޑިއޯއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.
އަލުން މުޅި ސްޓޫޑިއޯ މަރާމާތު ކުރުމަކީ މާބޮޑު ބޭނުމެއް ހުރި ކަމެއް ކަމަށް ނުފެންނާތީ ސްޓޫޑިއޯ ހުރި ބިމާ އެކު އެތަން ވިއްކާލަން ނިންމީ އެވެ. އެހެންކަމުން ކަޕޫރު އާއިލާ އިން މިހާރު އަންނަނީ ސްޓޫޑިއޯ ވިއްކާލަން ކުރަން ޖެހޭ ކަންކަން ކުރަމުންނެވެ.
ރިޝީ ކަޕޫރު ބުނީ އަލިފާނުގެ ހާދިސާއަށް ފަހު ވެސް އެތަން އެއްކޮށް މަރާމާތު ކުރުމުގެ ވިސްނުމެއް ގެންގުޅު ކަމަށާއި ނަމަވެސް ކުރިން ހުރި ގޮތަށް އަލުން ސްޓޫޑިއޯ ކޮޅަށް ޖެހުމަކީ ނުވާނެ ކަމެއް ކަން މިހާރު ގަބޫލުކޮށްފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާގެ ކުރިން ވެސް ސްޓޫޑިއޯ އިން ލިބޭ ފައިދާ އަށް ވުރެ ގެއްލުން ބޮޑު ކަމަށާއި އެ ސްޓޫޑިއޯގައި ޝޫޓު ކުރުމަށް ލިބެނީ މަދު ފިލްމެއް ނުވަތަ ޑްރާމާތަކެއް ކަމަށެވެ.