27 Aug 2018, 14:30
އދ. (އޮގަސްޓު 27): މިޔަންމާ އަސްކަރިއްޔާގެ އިސް އޮފިޝަލުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތަކާއި ގަތުލްއާންމު ހިންގުމުގެ ދައުވާ ކުރުމަށް އދ.އިން ގޮވާލައިފި އެވެ.
މިދިޔަ އަހަރު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އުފެއްދި އިންޓަނޭޝަނަލް ފެކްޓް-ފައިންޑިން މިޝަންއިން ނެރުނު ރިޕޯޓުގައި ވަނީ މިޔަންމާ އަސްކަރިއްޔާގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ.
އެރިޕޯޓުގައި ވަނީ އަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފް މިން އައުންގް ލެއިންގް އާއި އިތުރު އިސް އޮފިޝަލުން ތަހުގީގުކޮށް، އެމީހުންގެ މައްޗަށް ހަނގުރާމައިގެ ޖަރީމާތަކާއި ގަތުލުއާންމު ހިންގުމުގެ ދައުވާކުރުމަށް ގޮވާލާފައި އެވެ.
އދ.އިން މިޔަންމާގެ އަސްކަރިއްޔާގެ މައްޗަށްކޮފައިވާ ތުހުމަތުތަކުގެ ތެރޭގައި މީހުން މެރުމާއި، ނުހައްގުން ހައްޔަރު ކުރުމާއި، އަނިޔާ ކުރުމާއި، މީހުން އަޅުވެތިކުރުމާއި، ރޭޕް ކުރުން ހިމެނެ އެވެ.
"އަސްކަރީ ބޭނުމަކަށް ޓަކައި، ވަކި މީހަކަށް ނުބަލައި މީހުން މެރުމާއި، އަންހެނުން ގޭންގް ރޭޕް ކުރުމާއި، ކުޑަކުދިންނަށް އަނިޔާކުރުމާއި، އަވަށްތައް އެންދުން އެއްވެސް ހާލަތެއްގައި ދިފާއު ނުކުރެވޭނެ. މިޔަންމާގެ އުތުރުގައި، ހާއްސަކޮށް ރާހިން ސްޓޭޓުގައި ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބުނެ އަސްކަރިއްޔާއިން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި،" އދ.ގެ ރިޕޯޓުގައިވެ އެވެ.
އަދި ރާހިންގައި ގިނަ އަދަދެއްގެ މީހުން މެރުމާއި ޑީޕޯޓު ކުރުމުގެ ހެކި ހުރި ކަމަށާއި އަސްކަރިއްޔާގެ އިސް އޮފިޝަލުންނާ ދެކޮޅަށް ޝަރުއީ ގޮތުން މައްސަލަ ބެލޭ ވަރަށް މައުލޫމާތު ހުންނާނެ ކަމަށް އެރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން އދ.އިން ވަނީ މިޔަންމާގެ ލީޑަރު އަދި ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ އަންގް ސަން ސޫޗީއަށް ވެސް ފާޑު ކިޔާފައި އެވެ. އަދި ގައުމުގެ ޑިފެކްޓޯ ލީޑަރުގެ ގޮތުގައި ހުންނަވައިގެން ރާހިން ސްޓޭޓުގައި ހިނގަމުންދާ ޖަރީމާތައް ކުށްވެރިކުރެއްވުމަށާއި އެއަމަލުތައް ހުއްޓުވުމަށް އެކަމަނާ ނުކުޅެދިފައިވާ ކަމަށް ބުނެފައި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު މިޔަންމާގެ އަސްކަރީ ފައުޖުތަކުން ރާހިން ސްޓޭޓުގައި ރޮހިންގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ފެށި އަނިޔާވެރި އޮޕަރޭޝަނުގެ ސަބަބުން އެގައުމު ދޫކޮށް ދާން ޖެހުނު މީހުންގެ އަަދަދު ވަނީ 700،000 އަށް ވުރެ އިތުރުވެފަ އެވެ. (އަލްޖަޒީރާ)