28 Aug 2018, 19:34
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި އެ ރަށުގެ ބަނދަރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް ޔާމީން މާފަރުގެ ބަނދަރަރާއި އެއާޕޯޓު ހުޅުއްވައިދެއްވީ އެމަނިކުފާނު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު އެ ރަށަށް ވަޑައިގެންނެވެ. ނަމަވެސް މިއަދު އެމަނިކުފާނު މާފަރުގައި ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ނުދައްކަވަ އެވެ.
މާފަރު އެއާޕޯޓުގެ ރަންވޭގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެ ރަންވޭއަށް މި މަހުގެ ތެރޭގައި ވަނީ ޓެސްޓް ފްލައިޓުވެސް ޖައްސާފައެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު މަތިން --- ސަން ފޮޓޯ
މާފަރު އެއާޕޯޓަކީ، ސިންގަޕޫރުގެ ޓަފް އޮފް ޝޯ ކުންފުންޏާ ހަވާލުކޮށްގެން އަބޫދާބީ ފަންޑުގެ 60 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހަދާ އިންޓަނޭޝަނަލް އެއާޕޯޓެކެވެ. އެ އެއާޕޯޓުގެ ތަރައްގީ ކޮށްފައި ވަނީ 2.2 ކިލޯމީޓަރުގެ ދިގު ރަންވޭއަކާ އެކުގައެވެ.
މާފަރު އެއާޕޯޓަކީ މިހާރު އުދުހޭ އެންމެ ބޮޑެތި މަތިންދާބޯޓުތައް ކަމަށްވާ، އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ވަރުގެ ރަންވޭއެއް ހުންނަ އެއާޕޯޓެކެވެ.
އެ އެއާޕޯޓަށް އަންނަ މަހު ޝެޑިއުލް ދަތުރުތައް ފެށޭވަރު ވާނެކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގައި ސިޓީ ހޮޓަލެއްވެސް އެރަށުގައި ތަރައްގީކުރާނެއެވެ.
މާފަރަކީ 1،212 މީހުންގެ އާބާދީގެ ރަށެކެވެ. މިވަގުތު ރަށުގައި ދިރިއުޅެނީ 800 އެއްހާ މީހުންނެވެ. އެރަށުގައި އެއާޕޯޓަށް ފްލައިޓު ޖައްސަން ފެށުމާއެކު އެ ސަރަހައްދުގެ ރަށްތަކުގެ މީހުންނަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.