30 Aug 2018, 13:09
ނޭޕީޑޯ (އޮގަސްޓު 30): މިޔަންމާގެ އަސްކަރިއްޔާ އިން ރޮހިންގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިދިޔަ އަހަރު ފެށި އަނިޔާވެރި އޮޕަރޭޝަނާ ގުޅިގެން، ލީޑަރު އަންގް ސަން ސޫޗީ އޭރު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އދ.ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ޒައިދު ރާދު އަލް ހުސެއިން ވިދާޅުވެއްޖެ އެވެ.
ބީބީސީއާ ވާހަކަ ދައްކަވަމުން ހުސެއިން ވަނީ އަސްކަރިއްޔާގެ އަމަލުތައް ދިފާއު ކުރެއްވުމުގެ ބަދަލުގައި ސޫޗީ ހަނު ހުންނެވި ނަމަ ނުވަތަ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް މާރަނގަޅުވީސް ކަމަށް ވިދާޅުވެފަ އެވެ.
"އޭނާ ހުންނެވީ އޭނާއަށް ފިޔަވަޅު އެޅޭނެ ފަދަ މަގާމެއްގައި. އަދި ހަނުވެސް ހުރެވުނީސް ނުވަތަ މަގާމުން އިސްތިއުފާ ވެސް ދެއްވުނީސް. އަސްކަރިއްޔާގެ ތަރުޖަމާނަށް އޭނާ ވާންވީ އެއްވެސް ސަބަބެއް ނެތް،" ހުސެއިން ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު މިޔަންމާގެ އަސްކަރިއްޔާ އިން ރާހިން ސްޓޭޓުގައި ފެށި އޮޕަރޭޝަން ކުށްވެރި ކުރައްވަން ސޫޗީ ވަނީ ތަކުރާރުކޮށް ދެކޮޅު ހައްދަވައިފަ އެވެ. އަދި އެ މައްސަލައާ ބެހޭ ގޮތުން ގިނަ އަދަދެއްގެ ސައްހަ ނޫން މައުލޫމާތު ފަތުރަމުންދާ ކަމަށާއި "ހުރިހާ ރައްޔިތުން"ގެ ކެކުޅުންތައް ވެސް އިހުސާސުވާ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)