02 Sep 2018, 16:32
މި މަހު 23ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު، "ތަޅުއަޅުވާފައިވާ ރައްޔިތުންގެ މަޖިލީސް" ހުޅުވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރު ގއ. ނިލަންދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ސަރުކާރުގެ ފަސް އަހަރު ނިމިގެން މިދަނީ ރައްޔިތުންގެ މަޖިލީހުގައި 90،000 ރައްޔިތުން ތަމްސީލު ނުކުރެވި ކަމަށާއި އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ފުރިހަމައަށް ރައްޔިތުން ތަމްސީލު ކުރެވޭ، ރައްޔިތުންގެ ބަސް ބުނެވޭ މަޖްލިސް އަކަށް އެ މަޖިލީސް ހައްދަވާނެ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ރައްޔިތުން މަޖިލިސް މިއަދު އޮތް ހާލު. ބާރަ މެމްބަރަކަށް ރައްޔިތުންގެ މަޖިލިސްގައި ދާއިރާތައް ތަމްސީލު ނުކުރެވޭ. ސޯޅަ މެމްބަރުންނަށް ވަނީ ނުހައްގުން ޝަރުޢީ ހުކުމްތަކެއްގެ ސަބަބުން މަޖިލިސްއަށް ނުވަދެވިފައި،" އިބޫ ވިދާޅުވި އެވެ.
ސަރުކާރަށް ފާޑު ކިޔަމުން އިބޫ ވިދާޅުވީ މި ސަރުކާރުން މިވަނީ ބާރުތައް އެއްކޮށްފައި ކަމަށާއި ރައްޔިތުންގެ މަޖްލީހުގެ ބާރާއި އަދި މިނިވަން މުއަސަސާތަކުގެ ބާރުތައް ކަނޑުވާލައި ޝަރުއީ ދާއިރާއަށް ސަރުކާރުން "ބޮޑުކޮށް" ނުފޫޒު ފޯރުވާފައި ކަމަށެވެ. ނަތީޖާ އަކަށް ވެގެން ދަނީ މުޅި ގައުމު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، ކޮންމެ ރައްޔިތަކު ތިބެން މި ޖެހެނީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫ އިތުރަށް ވިދާޅުވީ، މާލޭގެ މަގުތައް މަތީގައި 31 މަރު ގަތުލުކުރެވިގެން ހިނގައްޖެ ކަމަށާއި އޭގެ ތެރެއިން މިދިޔަ ހަފުތާގައި މަރުވި ޒުވާނާއާ އެކު 22 ޒުވާނުން މަރުވެގެން ހިނގައްޖެ ކަމަށެވެ. އަދި ކޯޓުތަކުން މި މައްސަލަތައް ނުބެލި، އިންސާފެއް ނުލިބޭ ކަމަށް ވެސް އިބޫ ތުހުމަތު ކުރެއްވި އެވެ.
ޑރ. އަފްރާޝީމްގެ މަރު މައްސަލައިގެ ތަހުގީގު ނިމިގެން ގޮސްފައި ވަނީ ވެސް އިންސާފުވެރި ގޮތަކަށް ނޫން ކަމަށާއި ކޯލިޝަން ސަރުކާރެއްގައި މިފަދަ މަރުތަކުގެ ހަގީގަތް ހޯދައި އިންސާފު ހޯދައިދޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"ހަމައެކަނި ޑރ. އަފްރާޝިމްގެ މަރުގެ މައްސަލާގައި އޭރު 18 އަހަރު ކިރިޔާ ފުރުނު ކުއްޖެއްގެ ބޮލުގައި މުޅި މައްސަލަ އަޅުވައި ނިމިގެން ގޮސްފަ މިވަނީ. ހުކުމެއް އަދި ވެސް ތަންފީޒެއް ނުކުރެވޭ. އަޅުގަނޑުގެ ވާހަކަ އަކީ އެ މައްސަލަ ނިމިގެން ގޮސްފައި އެވަނީ އެންމެ އިންސާފުވެރި ގޮތަކަށް ނޫނޭ. އެއީ އަލުން ހުޅުވައި ބަލަން ޖެހޭ މައްސަލައެކޭ،" އިބޫ ވިދާޅުވި އެވެ.
ނިލަންދޫ އަކީ 1250 މީހުން ދިރިއުޅޭ ރަށެއް ކަމަށާއި އެ ރަށުގައި ނަރުދަމާ އަދި ސާފު ބޯފެނުގެ ނިޒާމު ގާއިމުކޮށް ބޭންކުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އިބޫ ވައުދުވި އެވެ.
ކޯލިޝަނުގެ ސަރުކާރެއްގައި އަސާސީ ކަމެއްގެ ގޮތުން ހުރިހާ ރަށެއްގައި ވެސް ފެނާއި ނަރުދަމާ ގާއިމުކޮށްދެއްވާނެ ކަމަށް އިބޫ އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.