04 Sep 2018, 23:33
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހުޅުމާލޭގައި ބޮޑު ކެމްޕަހެއް އަޅަން ނިންމައިފިއެވެ.
ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ އައިޝަތު ޝާހީން "ސަން" އަށް ވިދާޅުވީ އެ ކެމްޕަސް ހުޅުމާލޭގައި ހެދުމަށްޓަކައި މިހާރު ހުޅުމާލެ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށާއި އަދި ބިން ހަމަޖެހުނުހާ އަވަހަކަށް އެ ކެމްޕަސްގެ މަސައްކަތް ފަށާނެ ކަމަށެވެ.
ޝާހީން ވިދާޅުވީ އެ ޔުނިވާސިޓީގެ އިންޖިނިއަރިން ފެކަލްޓީ ހިންގަމުންދިޔަ ސަލާހުއްދީން އިމާރާތް މިހާރު ބޭނުންކުރުން ހުއްޓާލުމާ ގުޅިގެން ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަަމަށެވެ.
އޭގެ އިތުުރުން ޝާހީން ވިދާޅުވީ އެ ޔުނިވާސިޓީއަށް ކިޔަވަން އަންނަ އިންޓަނޭޝަނަލް ދަރިވަރުން މާލޭގެ ކުލި ބޮޑުވުމުން އެ ޔުނިވާސިޓީގައި ކިޔެވުމަށް ހުރަސް އެޅޭ ކަަމަށެވެ. އަދި ހުޅުމާލެ ބޮޑު ކެމްޕާސްއާއެކު ހޮސްޓެލް ހެދި އެކަން ހައްލުވެގެންދާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.
"އެކެމްޕަސްގައި ހުންނާނެ އެމްއެންޔޫގެ އެކި ފެކަލްޓީތައް. ދެން އެ ކެމްޕަސް ހާއްސަަ ކުރަނީ އާކިޓެކްޗާ އަދި ސޯޝަލް އެންވާރަމަންޓް ރިސާޗް ލެބް ފަދަ ފެކަލްޓީތަކަށް،" ޝާހީން ވިދާޅުވިއެވެ.
ގައުމީ ޔުނިވާސިޓީގެ މާލެ އާއި އަތޮޅު ތަކުގެ ކެމްޕަސްތައް އަދި އެ ޔުނިވާސިޓީން ހިންގާ އޯޕަން ލާނީން ސެންޓަރުތަކާއެކު 9000 އެއްހާ ދަރިވަރުން ދަނީ ކިޔަވަމުންނެވެ.
ގައުމީ ޔުނިވާސިޓީގެ ކެމްޕަސްތައް ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ލ. ގަން އަދި ސ. ހިތަދޫ ގައި ހުރެއެވެ.