25 Sep 2018, 13:17
މިދިޔަ އާދީއްތަ ދުވަހު އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައްދަލުކުރައްވައި ބަލި ގަބޫލުކުރައްވައިފި އެވެ.
އިއްޔެ ރައީސް އޮފީހުގައި އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ސަރުކާރުގެ ބާރުތައް އާ ސަރުކާރަށް ހަވާލުކުރުމުގެ މަސައްކަތްތައް އަމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި އިންތިހާބުގެ ނަތީޖާ ގަބޫލުފުޅުކުރައްވައި، ރައީސް ޔާމީން ވަނީ އިންތިހާބީ ރައީސް އިބޫއަށް މަރުހަބާ ވިދާޅުވެފަ އެވެ.
އިބޫއާ ބައްދަލުކުރެއްވުމަށް ފަހު ގައުމާ މުހާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ ނިންމުން ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ދައުރު ހަމަވަންދެން ރައްޔިތުންގެ ހިދުމަތުގައި ދެމިހުންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރިޔާސީ ދައުރު ހަމަވަނީ އަންނަ ނޮވެމްބަރު 17 އަށެވެ.
އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންތިހާބުގެ ކަންކަން ދިޔައީ އޮމާންކޮށް ނުފޫޒެއް ނެތި ކަމަށާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންނަ ނޮވެމްބަރު 17 ވަނަ ދުވަހު ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރައްވާނެ ކަމަށެވެ.
އިންތިހާބުގައި އިބޫ އަށް ލިބިލެއްވީ 134،616 ވޯޓެވެ. ރައީސް ޔާމީނަށް ލިބިލެއްވީ 96،132 ވޯޓެވެ. މިއީ ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުގެ ފަރަގު އެންމެ ބޮޑުވެގެން ދިޔަ ފަހަރެވެ.