26 Sep 2018, 11:06
ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ގޭ ބަންދުކޮށްފައި ހުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، ކްރިމިނަލް ކޯޓުން އިއްޔެ އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލައިފި އެވެ.
މަހްލޫފް ގޭބަންދުގައި ބަހައްޓަން އަމުރު ކުރީ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ މައްސަލައާ ގުޅިގެން ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމުގެ ތުހުމަތުގައި މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގަ އެވެ.
އޭނާ މިނިވަން ކުރީ، ބަންދު ރިވިއުކޮށް ދިނުމަށް އެދި ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއަކާއި ގުޅިގެން އިއްޔެ ބޭއްވީ ބަންދު ރިވިއު ކުރުމުގެ މަޖިލީހުންނެވެ.

ކުރިމިނަލް ކޯޓުން މަހުލޫފު މިނިވަން ކުރުމަށް ފަހު އޭނާ މީޑިއާއާ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: އަހުމަދު އަވްޝަން
ޝަރީއަތުގެ އަޑުއެހުމުގައި އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ނާޝިދު ވިދާޅުވީ، މަހްލޫފް ބަންދުގައި ހުންނެވި މުއްދަތުގެ ތެރޭގައި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމެއް ހިނގާފައި ނުވާތީ އޭނާ ދޫކޮށްލުމަށް އިއުތިރާޒެއް ނުކުރާ ކަމަށެވެ. މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވަނީ މަހުލޫފް އެއްވެސް ޝަރުތަކާ ނުލާ ދޫކޮށްލުމަށް އަމުރު ކުރައްވައިފަ އެވެ.
އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ގޮވާލައި މިދިޔަ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހު މާފުށީ ޖަލު ކައިރީގައި މުޒާހަރާ ކުރި މައްސަލަގައި މަހުލޫފުުގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، އެ މައްސަލަ ހުށަހަޅާފައި ވަނީ ފުރިހަމަ ކުރަން ޖެހޭ އިޖުރާއާތުތައް ފުރިހަމަނުކޮށް ކަމަށް ވިދާޅުވެ އެ މައްސަލަ ބާތިލު ކޮށްދިނުމަށް ވެސް މަހްލޫފުގެ ވަކީލުން އެދިވަޑައިގެންނެވި އެވެ. އެކަމާ މެދު ގޮތެއް ނިންމާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް ގާޒީ ވިދާޅުވި އެވެ.

ކުރިމިނަލް ކޯޓުން މަހުލޫފު މިނިވަން ކުރުން --- ސަން ފޮޓޯ: އަހުމަދު އަވްޝަން
އިއްޔެ މަހްލޫފު ގޭބަންދުން ދޫކޮށްލާފައިވާ އިރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް އާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް އަދި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވެސް ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.