ދޮގު ވާހަތައް ފަތުރައިގެން ރައްޔިތުންގެ ތެރޭގައި ހަލަބޮލިކަން އުފައްދަން މަސައްކަތް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިރޭ "ސަން" އަށް ވިދާޅުވީ ޕީޕީއެމް އުވާލަން އެ ކޮމިޝަނުން އުޅޭ ކަމަށް ބުނެ މީސް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތައް އުވާލެވޭނެ ގޮތް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި އެ އުސޫލާ ޚިލާފަށް އެއްވެސް ސިޔަސީ ޕާޓީއެއް އުވާނުލެވޭނެ ކަމަށެވެ.

"ޕީޕީއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަންގައި މަޝްވަރާކުރެވެމުން ނުދޭ. އެފަދަ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް،" އަކުރަމް ވިދާޅުވިއެވެ.

އެފަދަ ވާހަކަތަކަކީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް ފަތުރާ ދޮގު ވާހަކަތައް ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައި މިވަނީ ޕީޕީއެމް އުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވެފައިވަނިކޮށެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ސިއްދީގު ވަނީ ޕީޕީއެމް އުވާލަން އުޅޭ ކަމަށް ވިދާޅުވެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ގޮވާލައްވާފައެވެ.