20 Oct 2018, 14:01
ސްކޯޕިއާ (އޮކްޓޯބަރު 20): މެސެޑޯނިއާގެ ނަން، ރިޕަބްލިކް އޮފް ނޯތު މެސެޑޯނިއާއަށް ބަދަލު ކުރުމުގެ މަރުހަލާތައް ފަށަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.
މެސެޑޯނިއާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 120 މެމްބަރުންގެ ތެރެއިން 80 މެމްބަރުން ވަނީ އިއްޔެ އެގައުމުގެ ނަން ބަދަލު ކުރުމަށް ވޯޓު ދީފަ އެވެ. އަދި އެނިންމުމާ ދެކޮޅު މެމްބަރުން ވަނީ ވޯޓު ބޯއިކޮޓް ކޮށްފަ އެވެ.
މެސެޑޯނިއާއިން އެގައުމުގެ ނަން ބަދަލު ކުރަން ނިންމާފައި ވަނީ މިދިޔަ ޖޫން މަހު އެގައުމުން ގްރީސްއާއެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން މެސެޑޯނިއާއިން ނަން ބަދަލު ކުރުމުން ގްރީސް އިން ވަނީ އެގައުމު އީޔޫ އާއި ނޭޓޯގެ މެމްބަރަކަށް ވުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނެފަ އެވެ.
މެސެޑޯނިއާގެ ނަމާ ބެހޭ ގޮތުން އެދެ ގައުމުގެ މެދުގައި ދެބަސްވުން އުފެދިފައި ވަނީ ގްރީސްގައިވެސް މެސެޑޯނިއާ ކިޔާ ޕްރޮވިންސެއް އޮންނާތީ އެވެ. އަދި ގްރީސްގެ އަވަށްޓެރި ގައުމުން މެސެޑޯނިއާގެ ނަން ބޭނުން ކުރުމަކީ މެސެޑޯނިއާ ޕްރޮވިންސުގެ ސަގާފަތަށާއި އަމިއްލަ ވަންތަކަމަށް ރަނގަޅު ގޮތެއް ނޫން ކަމަށް ގްރީސްއިން ބުނާތީ އެވެ.
އެމައްސަލައިގެ ސަބަބުން މީގެ ކުރިން ގްރީސް އިން ވަނީ މެސެޑޯނިއާ، އީޔޫ އާއި ނޭޓޯގެ މެމްބަރަކަށްވުން ހުއްޓުވައިފަ އެވެ.
މެސެޑޯނިއާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓަށް ފަހު އެމަޖިލީހުން ތިން މަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަސް ވަންދެން އެބިލާ ބެހޭ ގޮތުން ބަހުސް ކުރާނެ އެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި އެގައުމުގެ ނަން ރަސްމީކޮށް ބަދަލު ކުރެވޭ ވަރު ވާނީ އަންނަ އަހަރުގެ ޖެނުއަރީ ހިސާބުގަ އެވެ.
އަދި މެސެޑޯނިއާ އިން ރަސްމީކޮށް ނަން ބަދަލު ކުރުމުން، އެކަމާ ބެހޭ ގޮތުން ގްރީސްގެ ގާނޫނު ހަދާ މަޖިލީހުގައި ދެ ގައުމުން ހެދި އެއްބަސްވުމާ ބެހޭ ގޮތުން ވޯޓެއް ނަގާނެ އެވެ.