22 Oct 2018, 21:45
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް ހުޅުވާލުމަށް ނިންމައިފިއެވެ.
އެޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު މިރޭ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ކުރިމަތި ލުމަށް ހުޅުވާލުމަށް ނިންމީ މިރޭ ބޭއްވި އެޕާޓީގެ 123 ވަނަ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ.
"މަގާމަށް ހުޅުވާލަން ފާސްވީ ބައްދަލުވުމުގައޮ ބައިވެރިވެލެއްވި 60 މެންބަރުންގެ އިއްތިފާގުން،" އަލީ ސޯލިހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަސާސީ ގަވައިދުގައި ބުނާ އެންމެ ކުރު މުއްދަރުގައި އެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމުގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މީގެ ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވީ އެޕާޓީގެ ބާނީ ގާސިމް އިބްރާހިމެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ގާސިމް ޖަލަށް ލާން ހުކުމް ކުރުމުން އެ މަގާމު ގާސިމަށް ގެއްލުނީއެވެ.
މި އަހަރުގެ ޖޫން 28 ގައި ބޭއްވި ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވަނީ ޑރ. ހުސައިން ރަޝީދު ހަސަން އާއެވެ. އޭނާ އަކީ އެޕާޑީގެ ޑެެޕިއުޓީ ލީޑަރެކެވެ.
އެ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލު ގެނެސްފައިވާއިރު އެ ބަދަލުގައި ބުނެފައިވަނީ އެއްވެސް ސަބަބަކާ ހުރެ ޕާޓީގެ ލީޑަރުގެ މަގާމު ހުސްވެއްޖެ ނަމަ ނުވަތަ އެ މަގާމު ފުރުއްވުމަށް އުޒުރުވެރިވެއްޖެ ނަމަ އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ޕާޓީގެ ކައުންސިލުން ކަނޑައަޅާ ނައިބު ލީޑަރެއްކަމަށެވެ.
ޖޭޕީގެ ކޮންގްރެސް ކުރިއަށް ގެންދިޔައިރު ގާސިމް ގެންދެވީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް ގާސިމްގެ މައްޗަށް އިއްވާފައިވާ ހުކުމް ވަނީ މިއަދު ބާތިލްކޮށްފައެވެ.