ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ.

އެ ގަރާރުގައި އިގުރާރުވެފައިވަނީ ތިން ކަމެއް ބާތިލުކުރުމަށެވެ. އެއީ

  1. ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 13 އަހަރުގެ ޖަލު ހުކުމާއި،

  2. އެމަނިކުފާނު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެން އެނބުރި ރާއްޖެ ވަޑައިގެންފައި ނުވާތީކަމަށް ބުނެ ކްރިމިނަލް ކޯޓުން 29 އޯގަސްޓް 2016 ގައި ނެރެފައިވާ ހައްޔަރު އަމުރާއި،
  3. 2010 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އޭރުގެ މުލަކު ދާއިރާގެ މެމްބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގާނޫނާ ހިލާފަށް ހައްޔަރުކުރިކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޓެރަރިޒަމްގެ މައްސަލައެވެ.

އެ ގަރާރުގައި ބުނެފައިވަނީ ރައީސް ނަޝީދު 2015 ފެބްރުއަރީ 22 ގައި ހައްޔަރުކުރި ވަގުތުން ފެށިގެން 24 ގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، ބަންދާމެދު ގޮތެއް ކަނޑައަޅާފައި ނުވާކަމަށެވެ. އަދި އެމަނިކުފާނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމެއް ނެތި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗާށް ޓެރަރިޒަމްގެ ދައުވާ އުފުލައި، މައްސަލަ ހިންގައި، ޓެރަރިޒަމްގެ ޝަރީއަތް ހިންގައި އަދި މައްސަލައިގެ އަޑުއެހުންތައް ކޮންމެ ދުވަހަކު ބާއްވައި، 19 ދުވަސް ތެރޭގައި ޝަރީއަތް ނިންމައި ހުކުމް ކުރީ އިޖުރާއީ އަދުލުވެރިކަން ކަށަވަރުކުރުމަކާ ނުލައި ކަމަށެވެ.

މީގެ އިތުރުން ގަރާރުގައި ބުނެފައިވަނީ އެމަނިކުފާނު ޖަލަށް ލީ މައްސަލަ އދގެ ވޯކިންގް ގްރޫޕު އޮން އާބިޓްރަރީ ޑިޓެންޝަނަށް މައްސަލަ ހުށަހެޅި އިރު، އެ ގްރޫޕުން ބެލި ބެލުމުގައި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާއި މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ބައެއް އިންސާނީ ހައްގުތަކާއި އަސާސީ މިނިވްންކަން، ދިވެހި ސަރުކާރުން ރައީސް ނަޝީދުގެ ކިބައިން ނިގުޅައިގެންފައިވާކަމަށް އެ ގްރޫޕުން އަންގާފައިވާ ކަމަށެވެ.

ނަމަވެސް އެ ގްރޫޕުގެ ނިންމުން ދިވެހި ސަރުކާރުން ގަބޫލުނުކުރާކަމަށް ސަރުކާރުން ބުނި ނަމަވެސް، އދގެ ޗާޓަރާއި ހައްގުތަކާ ބެހޭ ދެ މުއާހަދާގައި ރާއްޖެއިން ބައިވެރިވެފައިވާތީ، އެކަންކަން ނުކުރާނެކަމަށް ބުނުމަކީ ދިވެހި ދައުލަތުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއާ ކަނޑައެޅިގެން ހިލާފުކަމެއް ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ޖަލު ހުކުމުގެ މައްސަލަ އދގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހެޅުމުން، އެމަނިކުފާނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް ރިއާޔަތްކޮށްފައި ނުވާތީ އެމަނިކުފާނަށް އިއްވި ހުކުމް ބާތިލުކުރަންޖެހޭކަމަށް އެ ކޮމިޓީން ނިންމާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ބޭސްފަރުވާއަށް ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގެން، އނެބުރި ރާއްޖެއަށް ވަޑައިގެންފައި ނުވާތީކަމަށް ބުނެ، އެމަނިކުފާނު ހައްޔަރުކުރަން ކްރިމިނަލް 29 އޯގަސްޓް 2016 ވަނަ ދުވަހު ނެރުނު އަމުރަކީ، އެމަނިކުފާނުގެ އެތައް ހައްގެއް ނިފުޅައިގަނެ ކުރި ހުކުމެއްގެ މައްޗަށް ތަރުތީބުވާ އަމުރެއްކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މަޖިލީހުގެ މުލަކު ދާއިރާގެ އޭރުގެ މެމްބަރު އަދި މިހާރުގެ ރައީސް ޔާމީނާއި، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ގާނޫނާ ހިލާފަށް ހައްޔަރުކުރިކމަުގެ ތުހުމަތުގައި ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަކީ ޖިނާއީ އަދުލުގެ ނިޒާމުގައި އާންމު އުސޫލު ނިޔާކުރާ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ވޮތުގެ މަތިން، ރައީސް ނަޝީދުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، އެމަނިކުފާނުގެ ބަހެއްވެސް ނހޯދައި ދައުވާކުރި މައްސަލައެއް ނޫންކަމަށްވެސް ގަރާރުގައި ފާހަގަކުރިއެވެ.

އެހެންކަމުން އެ ތިން ކަންތައް ބާތިލުކުރުމަށާއި، އެކަންކަން އަދުލުއިންސާފު ގާއިމުކުރުމުގެ ދާއިރާގެ ތެރެއިން ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށާއި ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމަށް ގަރާރުގައި ހުށަހަޅާފައިވެއެވެ.

މި މައްސަލައިގައި އިދިކޮޅު ކޯލިޝަނުގެ މެމްބަރުންގެ އިތުރުން ވެރިކަންކުރާ ޕީޕީއެމްގެ 13 މެމްބަރަކު ވަނީ ސޮއިކޮށްފައެވެ.

ސޮއިކުރި ޕީޕީއެމްގެ މެމްބަރުންނަކީ:

  • ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު

  • އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް
  • ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު
  • ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
  • އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
  • ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު
  • ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން
  • މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު
  • ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު
  • ވެލިދޫ ދާއިގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު
  • މާވަށު ދާއިރާގެ މެމްބަރު އަހުމަދު އަޒްހާން ފަހުމީ
  • ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު
  • ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު