އިންޑިއާގެ މަޝްހޫރު ޓީވީ ހޯސްޓް އަދި ކޮމީޑިއަން ކަޕިލް ޝަރްމާގެ ކައިވެނި އަންނަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގައި ކުރަން ނިންމައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކަޕިލްގެ ލޯބިވެރިޔާ ގިނީ ޗަތުރަތުގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ނިންމާފައިވަނީ ކަޕިލްގެ އުފަން އަވަށް ކަމުގައިވާ އަމްރިތުސާގަ ޖަލަންދަރުގައި ކަމަށެވެ.

އިންޑިއާގެ ނޫސްތަކަށް ކަޕިލް ދީފައިވާ އިންޓަވިއުތަކުގައި އޭނާ ބުނެފައިވަނީ، އެ ކައިވެނި ބާއްވާނީ ޕަންޖާބީ ސްްޓައިލްގައި ކަމަށާއި އެ ކައިވެންޏަކީ ވަރަށް ބޮޑަށް ތައްޔާރު ވެގެން ކުރެވޭނެ ކައިވެންޏެއް ކަމަށެވެ.

ކައިވެންޏަށް އޭނާ ތައްޔާރުވަމުން އަންނަ އިރު މިހާރު ހުއްޓާލާފައި އޮތް އޭނާގެ ކާމިޔާބު ޓިވީ ޝޯ "ދަ ކަޕިލް ޝަރްމާ ޝޯ" ގެ ދެވަނަ ސީޒަނެއް ފަށަން އުޅޭ ކަމަށް ވަނީ މީގެ ދުވަސްކޮޅެއް ކުރިން އަޑުތައް ފެތުރިފައެވެ.

ކަޕިލް ވަނީ ފިލްމު ވެސް ކުޅެން ފަށާފައެވެ. އޭނާގެ ކޮމެޑީ ގޮޮތްގަނޑު ޑައިރެކްޓަރުންނަށް ކަމުގޮސް ފިލްމީ ދާއިރާގައި ފިޔަޖަހަން ފެށީއެވެ. އަދި އޭނާ އަކީ މިހާރު ފިލްމު ޕްރޮޑިއުސަރެއް ވެސް މެއެވެ. މިދިޔަ އަހަރު ނެރުނު "ފިރަންގީ" އަކީ ކަޕިލް އަމިއްލަ ޕްރޮޑިއުސްކޮށް އެކްޓުރި ފިލްމެވެ.