24 Oct 2018, 12:21
މަޝްހޫރު ބަތަލާ ދިީޕިކާ ޕަޑުކޯނާއި ކާމިޔާބު އެކްޓަރު ރަންބީރު ކަޕޫރު އަނެއްކާވެސް އެކުގައި ފިލްމެއް ކުޅެން އުޅޭ ކަމަށް ހަބަރުތަކުން ބުނަން ފަށައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ދެތަރިންގެ ކުރިޔަށް އޮތް ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމެކެވެ. ނަމަވެސް ޑައިރެކްޓަރު އަދި ފިލްމާ ބެހޭ އެއްވެސް ތަފްސީލެއް ހާމަަކޮށްފައެއް ނުވެއެވެ.
އަންނަ އަހަރު ނެރުމަށް ގަސްދުކޮށްފައިވާ އެ ފިލްމުގައި އަޖޭ ދޭވްގަން މުހިއްމު ރޯލަކުން ފެންނާނެ ކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް އަޖޭއާއެކު ފެންނާނެ ބަތަލާ ވަނީ އިނގޭ ގޮތް ނުވެފައެވެ.
ދިޕިކާއާއި ރަންބީރު ވަނީ މީގެ ކުރިން އެކުގައި ފެނިގެން ގޮސްފައެވެ. "ޔޭ ޖަވާނީ ހޭ ދީވާނީ" އާއި "ތަމާޝާ" ގައި އެ ދެތަރިން އެކުގައި ފެނިފައިވާއިރު އެއީ ކުރިން ދެ ލޯބިވެރިންނެވެ. ނަަމަވެސް ލޯބި ގުޅުން ކެނޑުނަށް މިހާރު ވެސް އެއީ ގާތް ދެ ރަހުމަތްތެއިންނެވެ.
ރަންބީރު ވަނީ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ނެރުނު "ސަންޖޫ ގައި މޮޅު އެކްޓިން އެއް ދައްކާފައެވެ. އޭނާ މިހާރު އަންނަނީ ލޯބިވެރިޔާ އާލިއާ ބަޓް އާއެކު ފެނިގެންދާނެ ފިލްމު "ބްރަހްމަސްތުރާ" ގެ މަސައްކަތްތައް ކުރަމުންނެވެ.
ދީޕިކާ އެންމެ ފަހުން ފެނިގެން ދިޔައީ މިއަހަރު ކުރީ ކޮޅު ނެރުނު ފިލްމު "ޕަދްމާވަތު" އިންނެވެ. އޭނާ މިހާރު އަންނަނީ ލޯބިވެރިޔާ ރަންވީރާ އެކު އަންނަ މަހުގެ 14 އަދި 15 ގައި ކުރަން ނިންމާފައިވާ އެދެމީހުންގެ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީީތައް ވަމުންނެވެ.