އާދީއްތަ ދުވަހުން ފެށިގެން ގަތަރު އެއާވޭސްއިން މާލެ އާއި ދޯހާއާ ދެމެދު ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފިއެވެ.

ގަތަރު އެއާވޭސްއިން ބުނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ދޯހާ އާއި މާލެއާ ދެމެދު ދުވާލަކު ތިން ދަތުރު ބާއްވާނެ ކަމަށެވެ. މިހާރު އެ އެއާލައިނުން ދަނީ މާލެ އާއި ދޯހާއާ ދެމެދު ހަފްތާއަކު 14 ފްލައިޓު ބާޢްވަމުންނެވެ. އިތުރު ކުރާ ފްލައިޓު ތަކާއެކު މި އަދަދު 21 އަށް އިތުރު ވާނެއެވެ.

ގަތަރު އެއާވޭސްއިން ބުނީ ރާއްޖެއަކީ އެ އެއާލައިނުގެ މައި މަންޒިލެއް ކަމަށެވެ. ރާއްޖެއަށް ކުރާ ދަތުރުތަކުގައި އެ އެއާލައިނުން އެއާބަސް އޭ350 މަރުކާގެ ބޯޓެއް ބޭނުންކުރެއެވެ.

އަލަށް އިތުރު ކުރި ދަތުރުތަކުގައި ބޭނުން ކުރާނީ އެއާބަސް A330-300 އާއި A320-200 މަރުކާގެ ބޯޓުތަކެވެ.

ގަތަރު އެއާވޭސް އަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އުފުލާ މައި އެއް އެއާލައިން ވެސް މެއެވެ.