އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީ އިން ވަކިކުރުމުން ވިޔަސް ގޮނޑި ގެއްލޭ ގޮތަށް އޮތް ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ. ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަންވެސް ކުރައްވާ ރިޔާޒު މި ގާނޫނު އުވާލުމަށް ހުށަހެޅުއްވި އިރު އޭނާ އާއި ރައީސް ޔާމީން އާ ދެމެދު ނުތަނަވަސްކަމެއް އޮތްކަމަށް މީޑިއާގައި ވަނީ ވާހަކަ ދެކެވިފައެވެ.

ރިޔާޒު މިއަދު ސަން އަށް ވިދާޅުވީ ގާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅީ އިއްޔެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގާނޫނު އަސާސީ އިން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އެ ގާނޫނުގެ ސަބަބުން ހުރަސް އެޅޭތީވެ މި ގާނޫނު އުވާލުމަށް ހުށަހެޅީ،" ރިޔާޒު ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ގާނޫން ހަދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މިިދޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހު ސުޕްރީމު ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެ ހުކުމުގައި އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން ވަނީ ލާޒިމްކޮށްފައެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް އިދިކޮޅުން ވަނީ މީގެ ކުރިން ސުޕްރީމު ކޯޓަށްވެސް ހުށަހަޅައިފައެވެ. ނަމަވެސް އެ ގާނޫނު އުވާލަން ނުޖެހޭކަމަށް ސުޕްރީމު ކޯޓުން ވަނީ ނިންމައިފައެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން 12 މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް މީގެ ކުރިން ނިންމާފައިވީނަމަވެސް ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމު ކޯޓުން ވަނީ ނިންމައިފައެވެ. އަދި އިތުރު އަށް މެންބަރުންގެ ގޮނޑީގެ މައްސަލަ މިހާރު ކޯޓުގައި ކުރިއަށް އެބަދެއެވެ.

އެންޓ ިޑިފެކްޝަން ގާނޫނު އުވާލުމަށް ހުށަހަޅާފައިވާއިރު، އަބުރުގެ ގާނޫނު އުވާލުމަށް އިދިކޮޅުން މަޖިލީހަށް މިއަދު ހުށަހަޅާނެއެވެ.