ހުޅުމާލޭގައި އަލަށް ހުޅުވަން ހަމަޖައްސާފައިވާ ސިިންގަޕޫރުގެ "ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލު" ގެ އޯޕަންޑޭ، މާދަމާ ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ސްކޫލުގެ އޯޕަން ޑޭ އޮންނާނީ މާދަމާ މެންދުރުފަހު 14:00 އިން 18:00 އަށް މިހާރު ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލު ހިންގާ އިމާރާތުގައެވެ.

ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލު ގާއިމް ކުރާނީ، މިހާރު ހިންގާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް ރީބްރޭންޑު ކުރުމަށްފަހު މުޅީން އާ ކޮންސަލްޓެންސީއެއްގެ އިރުޝާދުގެ ދަށުންނެވެ.

މިހާރު ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް ވެސް ހިންގަމުން އަންނަ ކޮލިޓޭޓް އެޑިއުކޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދު "ސަން" އަށް ވިދާޅުވީ މާދަމާގެ އޯޕަން ޑޭ އަކީ އެޑްމިޝަން ހޯދުމަށް ބާއްވާ އިވެންޓެއް ނޫން ކަމަށެވެ. އަދި އެ އޯޕަން ޑޭގެ މަގުސަދަކީ ބެލެނިވެރިންނަށް ސްކޫލާ ބެހޭ ވީހާ ވެސް މައުލޫމާތު ދިނުން ކަމަށް މޫސަ ވިދާޅުވި އެވެ.

އެގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސްކޫލުގައި ބޭނުން ކުރާ ފޮތްތަކާއި ޔުނިފޯމްތަކާއި ލެބުތަކާއި އެހެން ވެސް ވަސީލަތްތައް ދައްކާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސްކޫލުގެ ދަރިވަރުންނަށް، ސިންގަޕޫރުގައި ހިނގާ އިންޓަނޭޝަނަލް ޕްރޮގްރާމްތަކުން ވަރަށް ބޮޑަށް ފުރުސަތު ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި ބޭނުންކުރާނީ ސިންގަޕޫރުގެ މަޝްހޫރު މާޝަލް އެންޑް ކެވެންޑިޝްގެ ފޮތްތަކެވެ. މޫސާ ރަޝީދު ވިދާޅުވީ އެ ފޮތްތަކާ ބެހޭ މައުލޫމާތު ދިނުމަށް މާޝަލް އެންޑް ކެވެންޑިޝްގެ ބޭފުޅުން ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ބޭފުޅުން މާދަމާ އޯޕަން ޑޭގައި 16:15 އިން 17:15 އަށް ސްކޫލް ހޯލުގައި މައުލޫމާތު ދިނުމުގެ ސެމިނާއެއް ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގްރޭޑު އެކަކުން ފެށިގެން 10 އަކަށް އުސޫލެއްގެ ގޮތުން އޮންނާނީ އިނގިރޭސި ކަރިކިއުލަމް. އެކަމަކު ބޭނުން ކުރެވޭނީ ސިންގަޕޫރު އެޕްރޯޗަށް ލިޔެފައި ހުރި ފޮތްތަކެއް،"

ސިންގަޕޫރަކީ އޭޝިޔާ ސަރަހައްދުގައި އެންމެ ރަނގަޅު ތައުލީމީ މަންހަޖެއް އޮންނަ އެއް ގައުމެވެ.