27 Oct 2018, 14:20
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ދެމަހަަށް ވުރެ ގިނަ ދުވަސްވީ ފަހުން ގިނަ ކަންތައްތަކެއް ތާވަލުކޮށް މާދަމާ މަޖިލީހުގެ ޖަލްސާތައް ފަށަން ތައްޔާރުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާ މާދަމާ ނުވައެއް ޖަހާއިރު ފަށަން އެޖެންޑާ ކޮށްފައިވާއިރު އެޖެންޑާގައި އަބުރުގެ ބިލު ބާތިލު ކުރަން ހުށަހެޅި މައްސަލައާއި އެންޑި ޑިފެކްޝަން ގާނޫނު ބާތިލު ކުރަން ހުށަހެޅި މައްސަލަ ވެސް ހިމެނެ އެވެ.
އޭގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްދިނުމަށް އެދި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރު އިއްވުންވެސް ވަނީ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފަ އެވެ. އެ ގަރާރު މަޖިލީހަށް ހުށަހަޅާފައި ވަނީ 49 މެމްބަރަކު ސޮއިކޮށްފަ އެވެ.
މާދަމާ މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ ހުއްދަ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ދެއްވާފައިވާ ކަމަށް ވެސް މޫސަ ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 51 މެމްބަރުން ސޮއިކޮށް މަޖިލީހަށް ވައްދާފައިވާ އިރު އެ މައްސަލަ މަޖިލީހަށް ހުށަހަޅާ ޖަލްސާ އޮންނާނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. އެ ޖަލްސާގެ ނޯޓިސް މިހާރު ވަނީ މަޖިލީހުގެ މެމްބަރުންނަށް ފޮނުވައިފަ އެވެ.