ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ގާސިމް އިބްރާހިމް އަށް ދިނުމާ ގުޅޭ ގޮތުން ބާއްވާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުން މާދަމާ އަށް ތާވަލް ކޮށްފިއެވެ.

މިދިޔަ ހަފްތާގައި އެޕަޓީގެ ލީޑަރުކަމަށް ކުރިމަތި ލުމަށް ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލީ ގާސިމް އެކަންޏެވެ.

ޖޭޕީ އިން ބުނީ އެ ޕާޓީގެ ލީޑަރުކަމަށް އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުމާއި ނަތިއްޖާ އިއުލާން ކުރުމަށްޓަކައި ބާއްވާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުން މާދަމާ ހަވީރު މ.ކުނޫޒް ގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.

އަދި ގާސިމް އިބްރާހިމް އަކީ ޕާޓީގެ ގަވާއިދުގެ 51 ވަނަ މާއްދާގެ (ނ) ދަށުން އެ މަގާމަށް ޝަރުތު ފުރިހަމަވާ ބޭފުޅެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް އެ ޕާޓީ އިން ވަނީ ބުނެފައި އެވެ.

މީގެ ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވީ އެޕާޓީގެ ބާނީ ގާސިމް އިބްރާހިމެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ގާސިމް ޖަލަށް ލާން ހުކުމް ކުރުމުން އެ މަގާމު ގާސިމަށް ގެއްލުނީއެވެ.

ޖޭޕީގެ ކޮންގްރެސް ކުރިއަށް ގެންދިޔައިރު ގާސިމް ގެންދެވީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް ގާސިމްގެ މައްޗަށް އިއްވާފައިވާ ހުކުމް ވަނީ މިދިޔަ ހަފްތާގައި ވަނީ ބާތިލްކޮށްފައެވެ.

މި އަހަރުގެ ޖޫން 28 ގައި ބޭއްވި ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވަނީ ޑރ. ހުސައިން ރަޝީދު ހަސަން އާއެވެ. އޭނާ އަކީ އެޕާޑީގެ ޑެެޕިއުޓީ ލީޑަރެކެވެ.