އިއްޔެ ސްރީލަންކާގެ ބޮޑު ވަޒީރުކަމުން ދުރުކުރި، ރަނިލް ވިކްރަމަސިންހަ އަށް ދޭ އިނާޔަތްތައް ކަނޑާލަން އެ ގައުމުގެ ރައީސް ސިރިސޭނާ އަންގަވައިފި ކަމަށް އުވާލި ކެބިނެޓްގެ މާލީ ވަޒީރު މަންގަލަ ސަމަރަވީރަ ވިދާޅުވެއްޖެއެވެ.

މަންގަލަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަނިލްއަށް ދޭ ސެކުރިޓީއާއި ވެހިކަލް ނެގުމަށް ރައީސް ސިރިސޭނާ އަމުރުކޮށްފައިވާ ކަމަށެވެ.

ރައީސް ސިރިސޭނާ މިގޮތަށް އަމުރުކުރެއްވި އިރު، ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސްވެސް ވަގުތީ ގޮތުން ހުއްޓާލުމަށް ރައީސް ސިރިސޭނާ ވަނީ މިއަދު އަމުރު ކުރައްވާފައެވެ.

އެ ގައުމުގެ ރައީސް އޮފީހުން ގެޒެޓް ކޮށްފައިވާ ބަޔާނުގައި ވާ ގޮތުން ގާނޫނު އަސާސީ އިން ރައީސް ސިރިސޭނާއަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން މިއަންނަ މަހު 16 ވަނަ ދުވަހާ ހަމައަށް ގާނޫނު ހަދާ މަޖިލިސް ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ.

ބޮޑު ވަޒީރުކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ދުރުކޮށް، ކުރީގެ ރައީސް އަދި ދާދި ފަހަކާ ޖެހޭންދެން އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި މަހިންދަ ރާޖަ ޕަކްސް، ކުއްލި ގޮތަަކަށް އިއްޔެ ވަނީ އެ މަގާމަށް އައްޔަން ކޮށްފައެވެ. އަދި މަގާމުން ވަކި ކުރި ކަމަށް ސިރިސޭނާ ވަނީ ރަނިލްއަށް ރޭ ސިޓީ އެއްވެސް ފޮނުއްވާފައެވެ.

ނަމަވެސް މަގާމުން ދުރު ކުރި ރަނިލް ވިދާޅުވަނީ އަދިވެސް އޭނާ އަކީ ބޮޑުވަޒީރުކަމަށާއި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އެބައޮތްކަމަށެވެ. ރޭގެ ދަންވަރުގެ ވަގުތެއްގައި ރަނިލް ވަނީ، އެމަނިކުފާނަކީ އަދިވެސް ލަންކާގެ ބޮޑުވަޒީރުކަމަށް ވިދާޅުވެ ރައީސް ސިރިސޭނާއަށް ސިޓީއަކުން އަންގަވާފައެވެ.

ސްރީލަންކާގެ ސިޔާސީ މަސްރަހަށް އައި މި ބޮޑު ބަދަލާ އެކު، އެ ގައުމުގެ ކެބިނެޓްވެސް އުވާލާފައިވާ ކަމަށް އިއްޔެ ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި މިއަންނަ ހޯމަ ދުވަހު އާ ކެބިނެޓެއް އެކުލަވާލާނެ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.