30 Oct 2018, 14:14
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ އޮޑިޓް އޮފީހުގެ 2019 އަހަރުގެ ބަޖެޓް އަހަން ވޯޓަށް އަހަން އޮތް ގަޑީގައި ހަތް މެމްބަރުން ތިބުމުން ވޯޓަށް ނާހައި ޖަލްސާ ނިންމާލަން ޖެހިއްޖެއެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން މަޖިލީހުގެ ޖަލްސާއެއްގައި ކަމަކާމެދު ވޯޓަށް އެހޭނީ 22 މެމްބަރުން ހާޒިރުވެ ތިބޭ ނަމައެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވީ ޖަލްސާގައި ވޯޓަށް އަހަން އޮތް ގަޑީގައި ހާޒިރުވެ ތިބީ ހަތް މެމްބަރުން ކަމަށެވެ.
މިއަދު ވޯޓަށް އަހަން ތާވަލުކޮށްފައިވާ މައްސަލައަކީ މުހިންމު މައްސަލައެއް ކަމަށްވެސް މޫސަ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. މިއަދު ތާވަލުކޮށްފައި އޮތީ އޮޑިޓް އޮފީހަށް 2019 އަހަރު ބަޖެޓުގެ ގޮތުގައި 52 މިލިއަން ރުފިޔާ ދިނުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަށް ވޯޓަށް އެހުމެވެ.
މޫސަ ވިދާޅުވީ މީގެ ދެ ދުވަސް ކުރިން މަޖިލީހުގައި ބޭއްވި ޖަލްސާއަށް 70 މެމްބަރުން ހާޒިރުވި ކަމަށާއި އެ ދުވަހު ދިން އެއްބާރުލުން ކޮންމެ ދުވަހަކުވެސް ދެއްވުމަށް އެދޭ ކަމަށެވެ.
މިއަދު ހެނދުނު މަޖިލީހުގެ ޖަލްސާ ފެށިގަޑީގައިވެސް މަޖިލީހުގައި އިދިކޮޅު މެމްބަރުން ހާޒިރު ނުވާތީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ހިތްހަމަނުޖެހުން ފާޅު ކުރައްވާފައެވެ.
އެކަމާ ހިތްހަމަ ނުޖެހި މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ މިދައުރުގެ ފުރަތަމަ ޖަލްސާއާއި ދެވަނަ ޖަލްސާ އެއްދުވަހެއްގައި ބާއްވާ އެދުވަހު އިދިކޮޅު މެމްބަރުން ވަރަށް ބާރަށް ޖަލްސާއަށް ވަޑައިގެންނެވި ކަމަށެވެ.
"އެ ޖަލްސާތަކުގައި އެ ބޭފުޅުންނަށް ވަރަށް ގިނަ އިރު ހޭދަ ކުރައްވަން މައްސަލައަކަށްވެ ވަޑައި ނުގެންނެވި. އަދި މައްސަލަ ޖެހިގެން ކޯޓު މަރުހަލާގައި ތިބި ގޮނޑި ކަށަވަރު ނުވާ މެމްބަރުންގެ ހަގުގަ އާއި އަދި އެނޫންވެސް ހައްގުތަކުގައި އެބޭފުޅުނަށް މިތަނަށް އެދުވަހު ވަޑައިގެންނެވުނު." ނިހާން ވިދާޅުވިއެވެ.
ނިހާނު ވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކަށް ވެސް ފާޑު ވިދާޅުވެފައެވެ. ނިހާން ވިދާޅުވީ އެ ދުވަހު ދެ ޖަލްސާ ބޭއްވި އިރު، ބާރަކާއި އެކު މަޖިލީހުގެ ރިޔާސަތުގައި މޫސަ އިންނެވި ކަމަށެވެ. އަދި އެ ދުވަހު މޫސަ ވަރަށް ހިންގުންތެރިކަން ފެނިގެން ދިޔަ ކަމަށް ވިދާޅުވިއެވެ.