ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާނެތޯ ސުވާލުކުރުމުން އެކަމަށް ކުރީގެ ރައީސް ސީދާ ޖަވާބެއް ނުދެއްވައި، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ވެރިކަން ދަމަހައްޓަން ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

މިރޭ ރާއްޖެޓީވީ އަށް ދިން އިންޓަވިއުއެއްގައި މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވާނެތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ މިހާރު ކުރަމުން ދަނީ މަޖިލީސް އިންތިހާބުގައި ވާދަ ކުރާނެ ގޮނޑިތަކާއި ވާނެ ވައުދުތަކާ މެދު ވިސްނުން ކަމަށެވެ.

"މިހާރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މި އޮތީ ކުރިއަށް. އަޅުގަނޑުމެން މިދަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެން ވާދަ ކުރާނެ ގޮތްތަކާއި ވާދަ ކުރާނެ ގޮނޑިތަކާއި އަދި ރައްޔިތުންނަށް އަޅުގަނޑުމެން ވާނެ ވައުދުތަކާ، މި އެންމެ ކަންތަކާ ވިސްނަމުން. އަޅުގަނޑުމެން އަމަލު ކުރަމުން ގެންދާނީ، އަޅުގަނޑު އަމަލު ކުރާނީ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އެވަގުތު ކުރަން ހުރި ކަމެއް، އަޅުގަނޑު ކުރާނަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

މިރޭ ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ފަސް އަހަރަށް ދެމިގެން ދިޔައީ އެމްޑީޕީއިން ގާނޫނާ ހިލާފަށް ވެރިކަން ބަދަލު ކުރަން ބޭނުން ނުވާތީ ކަމަށެވެ.

"ދެހާސް އަށް ވަނަ އަހަރުގެ ގާނޫނު އަސާސީއަށް ފަހުގައި ރާއްޖޭގެ ވެރިކަން މިދަނީ އެއްފަހަރު މަތިން އަނެއް ފަހަރު އަޑިން. އެހެން ނަމަވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން ރައީސް ޔާމީނަށް ފަސް އަހަރު ލިބިފައި އެވަނީ ހާއްސަކޮށް، އެ ފަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ގާނޫނާ ހިލާފަށް އެ ވެރިކަން ބަދަލުކުރަން ބޭނުން ނުވެ އޮތީތީވެ،" ނަޝީދު ވިދާޅުވި އެވެ.

ނޮވެމްބަރު އެއް ވަނަ ދުވަހު ނަޝީދު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ އިރު އެމަނިކުފާނުގެ މައްޗަށް ކުރި 13 އަހަރުގެ ޖަލު ހުކުމް ރިވިއު ކޮށް ނިމެންދެން އެމަނިކުފާނުގެ ހުކުމް ތަމްފީޒު ކުރުން ފަސް ކުރުމަށް މިއަދު ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު ރާއްޖެ ވަޑައިގަންނަ އިރު ހައްޔަރު ނުކުރާނެ ގޮތަށް ކަންކަން ނިމިގެން ދިޔުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ރައީސް ނަޝީދު މާލެ ވަޑައިގަންނަވާތީ އެމްޑީޕީ އިން ދަނީ ވަރަށް ބޮޑަށް އެދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ތައްޔާރުވަމުންނެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ އިންތިހާބީ ރައީސް އިބޫއާ އެއްކޮށެވެ.