މިދިޔަ އަހަރު ނެރުނު ކޮމެޑީ ފިލްމް "ނޯޓީ 40"ގެ ފޮލޯއަޕް "40 ޕްލަަސް" އަންނަ އަހަރު ކުރީކޮޅު ސިނަމާގައި އަޅުވާގޮތަށް ނިންމައިފިއެވެ.

"40 ޕްލަސް"ގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ސަން އަށް މައުލޫމާތު ދެމުން ބުނީ އަންނަ އަހަރުގެ ކުރީކޮޅު ފިލްމު ސިނަމާ އަށް އަންނާނެ ކަމަށާއި ފިލްމު އަޅުވާ ތާރީހެއް މި ފެށޭ މަހުގެ ކުރީކޮޅު ހާމަކުރާނެކަމަށެވެ.

ފިލްމު ފަސްވެގެންދިޔައީ ރާއްޖޭގެ ސިޔާސީ މަސްރަހް އޮތްގޮތުން ކަމަށް ވެސް އޭނާ ބުންޏެވެ.

"އަންނަ މަހު އޮންނާނެ ފިލްމާބެހޭ ހާއްސަ އިވެންޓެއް. އެ އިވެންޓް އިން ފިލްމާ ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބޭނެ. ޕްރޮމޯޝަނަލް ގިނަ ހަރަކާތްތައް ފެށިގެންދާނެ،" ޝަފީގު ބުންޏެވެ.

ޝަފީގު ބުނީ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ޑަބިން އާއި އެޑިޓިންގެ މަސައްކަތްކަމަށެވެ.

ތ. ބުރުނީގައި ޝޫޓް ކުރި އެ ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އަމިއްލަ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ ފިލްމެކެވެ. މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ދާނީ، ނޯޓީ40ގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ.

އެ ފިލްމުގައި އަލަށް ތައާރަފްވާ ހަތަރު ތަރިން ވެސް ފެންނާނެ އެވެ. އެ ތަރިންގެ މަސައްކަތާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށް ޔޫއްޕެ ބުންޏެވެ.

ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާ ވެސް ފޯޓީ ޕްލަސް ގައި ހަރަކާތްތެރިވާނެ އެވެ.

ބޮޑު ކްރޫ އަކާއެކު މަސައްކަތް ކުރި މި ފިލްމަކީ "އޮލިމްޕަސް ސިނަމާއަށް ވެސް އަންނާނެ އެންމެ ބުރަ މަސައްކަތް ކޮށްފައިވާ ދިވެހި ފިލްމަށް ވާނެ" ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ސަން އަށް ކުރިން ދިން އިންޓަވިއުއެއްގައި ބުންޏެވެ.